ads
ފުލުހުން ސައިކަލެއް ޓޯ ކުރަނީ
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ހަވަނަ ދުވަހުން ފެށިގެން ނަގަނީ
ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް ފެށުމަށް ފުލުހުން ތައްޔާރުވެއްޖެއެވެ.
Advertisement

ފުލުހުން ބުނި ގޮތުގައި މި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާނީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ކަމަށާއި، މިކަން ކުރިއަށް ގެންދާނީ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ވެސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި މައިގަނޑު ގޮތެއްގައި ނެގުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ހުންނަ އުޅަނދުތަކެވެ. މީގެ އިތުރުން މާލެ ސަރަހައްދު ނުވަތަ އޭ ޒޯން ފިޔަވައި، އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރެ ހުޅުމާލޭގައި ޕާކުކޮށްފައިވާ އުޅަނދުތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ޓޯކުރާނެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އާންމު ދަތުރުފަތުރަށާއި ޓްރެފިކަށް ދަތިވާ ގޮތަށް، ހާއްސަކޮށް ކަފިހިހުރަސްތަކާއި ގޯޅި ކަންމަތި އަދި މީހުން ވަދެނުކުމެ ހަދާ ގޭޓުތައް ބަންދުވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމަށް އިސްކަންދޭނެ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އުޅަނދު ޓޯކުރުމުގައާއި އެ އުޅަނދެއް ބަހައްޓާފައި ހުންނަ މުއްދަތުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ ހިދުމަތުން ޒިންމާނުވާނެ ކަމަށާއި، ޓޯވކުރުމަށް ފަހު އެ އުޅަނދެއް އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ ނަގަންޖެހޭނީ ވެރިފަރާތުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މަސައްކަތް ފުލުހުން ފެށުމުގެ ކުރިން، އަމިއްލައަށް އުޅަނދުތައް ނެގުމަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގަނޑު 23:30 ގެ ކުރިން، އެފަދަ އުޅަނދުތައް އެ ސަރަހައްދުތަކުން ނެގުމަށް ފުލުހުން ވަނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް