ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން އޮޕަރޭޝަނެއް ހިންގަމުން އަންނަކަމަށެވެ.
އެ އޮޕަރޭޝަނުގައި އިއްޔެ 6 ތަނެއް ބަލައިފާސްކޮށްފައިވާކަމަށެވެ. މި ތަންތަނުގެ ތެރެއިން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެތަނާއި ބެހޭ ތަފްސީލެއް އަދި އެތަނުން ބަޔަކު ހައްޔަރުކުރިކަމެއް ނުބުނެއެވެ.
ގާނޫނަށް ގެނައި ބަދަލާއި އެކު ދުންފަތުގެ ބާވަތްތައް މިހާރު ވިއްކޭނީ އެކަމަށް ހާއްސަ ހުއްދައެއް ނަގާ ހެލްތު މިނިސްޓްރީން ދޭ ވަކި ލައިސަންސެއް އޮންނަ ބަޔަކެވެ.
ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ލިބެމުންދާތީ އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަދަ ފަރާތްތައް ރިޕޯޓުކުރުމަށް ވެސް މި ހަފްތާގައި އެދިފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާ ނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް އިން މައްސަލަ ހުށަހެޅޭނެ އެވެ.