ads
ލަންކާގެ ރައީސް ޑިސަނަޔަކަ މި އަހަރު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދަންނަވާއިރު އަރިހުގައި ރައީސް މުއިއްޒު - ފޮޓޯ: މިހާރު
ލަންކާއިން ދިވެހިންގެ އެހީ ބަލައިގަތީ ޝުކުރުވެރިކަމާއެކު!
ރާއްޖެއިން ސްރީލަންކާއަށް ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ޝުކުރު ދަންނަވައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ލަންކާގެ ރައީސް މިއަދު ވިދާޅުވީ، ލަންކާއަށް ދިމާވި ދަތި ދަނޑިވަޅާއި ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖާއި ސްރީލަންކާއަށް ދިވެހި ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން ބަލައިގަންނަކަމަށެވެ.

"އަޅުގަނޑުމެންގެ އަވައްޓެރި ގައުމުން ދައްކުވައިދިން އެއްބައިވަންތަކަމަކީ ރައްޔިތުންނަށް ވަަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ކަމެއް. މިއީ އަޅުގަނޑުމެންގެ ދެމެދުގައި ކުރިއްސުރެ އޮންނަ ގާތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް،". އަނޫރާ ވިދާޅުވި އެވެ.

ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ހަދިޔާކުރަން ނިންމި ފައިސާ އެ ގައުމާ ވަނީ ހަވާލުކޮށްފައެވެ. ލަންކާގެ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރު ދިން ފައިސާގެ އެހީ ލަންކާގެ ފަރާތުން ހަވާލުވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ފައިސާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ. 

ސްރީ ލަންކާއަށް އެހީވުމަށް ދިވެހިން އެއްކުރި ޖުމްލަ ފައިސާގެ އަދަދު 2.4 މިލއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. 

ދިވެހި ސަރުކާރުން ލަންކާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން އިރު ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި މީޑިއާތައް ގުޅިގެން ހިންގި ޓެލަތޯނުން ވަނީ 8 ލައްކައަށްވުރެ ގިނަ ޑޮލަރު ހޯދާފައެވެ. މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފައެވެ. އެގޮތުން ސަން ކުންފުނިން ދެ ލައްކަ ޑޮލަރު ހަދިޔާކުރިއިރު ވިލާއިން ވަނީ އެއްލައްކަ ޑޮލަރު ހަދިޔާކޮށްފަ އެވެ.

ތޫފާނުގައި ވެފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ލަންކާއިން ކުރަމުން އަންނައިރު ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 465 އަށް އަރައިފަ އެވެ. އަދި ގެއްލިފައިވާ 366 މީހުން ފެނިދާނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.

ތޫފާނުގެ ސަބަބުން 1.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެއްލުން ވެފައިވާ ކަމަށާއި 200،000 މީހުން ވަނީ ސަރުކާރު ހިންގާ ހިޔާތަކަށް ގެންގޮސްފައި ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފަ އެވެ 

ތޫފާނު "ދީތުވާ"ގައި އެކި ގެތަކާއި މަގުތަކާއި އެކި އިންޑަސްޓްރީތަކަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ލަންކާ ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް