ގަފޫރުގެ ނަން ހުށައަޅާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއިދުކުރާ ފެކްޝަނުންނެވެ. ގަފޫރުގެ ނަމަށް ތާެއީދުކުރައްވާކަން އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ވަނީ ހާމަކުރައްވާފައެވެ. އަދި ފައްޔާޒޫ ވަނީ ގައުމީ މަޖިލިހުގެ ޖަލްސާއެއް ވީ އެންމެ އަވަހަކަށް ބާއްވާ ދިނުމަށް އެދިފައެވެ.
ވަގުތީ ޗެއާޕާސަން ހޮވަން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސަަގައި ފައްޔާޒު ތާއީދު ކުރެއްވީ ރައީސް ނަޝީދުފެ ފެކްޝަނުން ހުށައެޅި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދު ﷲ ވަހީދަށެވެ.
ވަގުތީ ޗެއާޕާސަން އަކަށް އަބްދު ﷲ ވަހީދު ހޮވަން ގައުމީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވޯޓް ނެގީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެހެންނަވެސް ގައުމީ މަޖލީހުގައި މެމްބަރުންގެ އަޑުގަދަވެ ގޮތެއް ނުނިންމި އެރޭގެ ޖަލްސާ ވަނީ ނިންމާލާފައެވެ.
އެރޭގެ ގައުމީ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތުގެ ހުލާސާ ރިޕޯޓެއް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ މުހައްމަދު ވަހީދު ވަނީ އެކުލަވާލާފައެވެ. އެ ރިޕޯޓްގައި ބުނީ ގައުމީ މަޖލީހުގެ ބައްދަލުވުން ކުރިއަށް ގެންދިޔުމުގެ މާހައުލު ނެތިގެން ބައްދަލުވުން މެދުކަނޑާލުމަށް ފަހު އިތުރަށް ބެލި ބެލުމުން ފާހަގަވީ ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކުރުމަށް ފެންނަކަމަށް ވޯޓު ދެއްވި މެމްބަރުންގެ އަދަދަކީ 49 މެމްބަރުން ކަމެވެ. ނަމަވެސް އެއް މެންބަރަކު ފަހުން ރިޖެކްޓް ކުރިކަމަށް ބުނާތީ އެވޯޓު އުނިކުރުމުން ދިއްދޫ ދާއިރާ ރައީސް ވަހީދު ވަގުތީ ޗެއާޕާސަން ކަމަށް އިންތިހާބުކުރުމަށް 48 ވޯޓު ލިބިފައިވާކަމަށެވެ. އަދި ވޯޓް ރިޖެޓް ކުރި މެމްބަރާ އެކު ބައްދަލވުމުގައި ވޯޓްގައި ބައިވެރި ނުވެ ތިބީ 47 މެމްބަރުންކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.