މިކަން ކުރިޔަށް ދާނީ ލަންކާގެ ސޯސަން ވިލާގައި ކަމަށާއި މިކަން ކުރިޔަށް ގެންދަން ނިންމާފައިވަނީ މިއަދު 10:00 ފެށިގެން މިރޭ 20:00 އަށް ކަމަށް އެ ގައުމުގައި ދިރިއުޅޭ ދިވެއްސަކު ބުނެ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި 37 މީޑިއާތަކާ ގުޅިގެން 29 ގަޑިއިރަށް ކުރިޔަށް ގެންދިޔަ ޓެލެތޯނަށް ހިންގާ 12.3 މިލިއަން ރުފިޔާ ( 800،352 ޑޮލަރު ) ލަންކާ އަށް އެހީ ވުމުގެ ގޮތުން ޖަމާ ކޮށްފައިވެ އެވެ.
އަދި ދިވެހި ސަރުކާރުން ވަނީ ލަންކާ އަށް އެހީ ވުމުގެ ގޮތުން 50،000 ޑޮލަރު (770،000 ރުފިޔާ) އާއި 25،000 މަސްދަޅު ކޭސް ހަދިޔާކޮށްފައި ކަން ފާހަގަ ކޮށްލެ އެވެ.
ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުގެ މަރުވި މީހުންގެ އަދަދު މަދުވެގެން 300 އިން މައްޗަށް އަރާ ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) ވަނީ ކުރިން ބުނެފައި އެވެ
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި އެ ހާދިސާގައި 25،000އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 148،000އަށް ވުރެ ގިނަ މީހުން ދައުލަތުގެ ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ޑީއެމްސީން ބުނީ ބައި މިލިއަން މީހުންނަށް އެކި އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ.
ޑީއެމްސީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ކޭންޑީންނެވެ. އެ ސަރަހައްދުން 88 މީހުން ވަނީ މަރުވެފަ އެވެ. ބަޑުއްލާ އިން 71 މީހުން މަރުވިއިރު، ނުވަރަލިއާ އިން 68 މީހުން ވަނީ މަރުވެ ފައެވެ. އަދި މަޓަލޭ ސަރަހައްދުން 23 މީހުން ވަނީ މަރުވެފަ އެވެ.
އެންމެ ގިނަ ބަޔަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ވެސް ކޭންޑީންނެވެ. އެ ސަރަހައްދުން 150 މީހުން ވަނީ ގެއްލިފަ އެވެ.
މިދިޔަ ހުކުރު ދުވަހު އެރި ދިތުވާ ތޫފާން އެރީ އިރުމަތީ އައްސޭރިފަށެވެ. ނަމަވެސް އެ ތޫފާން ވަނީ އެ ގައުމު ދޫކޮށް ގޮސްފަ އެވެ.
ލަންކާގައި 2003 ވަނަ އަހަރު ހިނގި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި 254 މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވި އެވެ.