ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، އާ އެގްރީމެންޓާ އެކު ދެ ގައުމުގެ ދަތުރުތައް މިހާރަށް ވުރެ ފަސޭހައިން ގުޅުވާލެވޭނެ ކަމަށެވެ. އަދި އެއާ އިންޑިއާއިން އަންނަ ފަސިންޖަރުންނަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތައް ކުރުމުގައި އިތުރު ފަސޭހަތައް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
އެގޮތުން އެއާ އިންޑިއާ މެދުވެރިކޮށް ނިއުދިއްލީ އާއި މުމްބާއީ އިން އަންނަ ފަރާތްތަކަށް ރާއްޖޭގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ކަނެކްޓިން ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުރު ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. މޯލްޑިވިއަން އިން ރާއްޖޭގެ 16 މަންޒިލަކަށް އަންނަނީ ދަތުރު ކުރަމުންނެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، މި ބައިވެރިވުމަކީ ދިވެހިރާއްޖެއަށް ދަތުރުތައް ކުރުމަށް އިތުރަށް ފަސޭހަ ކުރުމަށާއި، މާލެ ފިޔަވައި އެހެން އަތޮޅުތަކަށް ދަތުރުކުރާ ފަސެންޖަރުންނަށް ގުޅުންތައް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. މިއާއިއެކު ދެ ގައުމުގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ދަތުރުފަތުރުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެއާ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސާ ނިޕުން އަގަރަވާލް ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަކީ އަބަދުވެސް އެންމެ މަޤުބޫލު މަންޒިލް ކަމަށެވެ. އަދި މި އެއްބަސްވުމާއިއެކު އެއާ އިންޑިއާގެ ފަސިންޖަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބި، ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން އަންނަނީ ބޭރުގެ ގިނަ އެއާލައިންތަކާ އެކު މިފަދަ ކަނެކްޓިވިޓީ އެއްބަސްވުންތައް ހަދަމުންނެވެ. މިފަދަ އެއްބަސްވުންތަކާއެކު، އިންޓަނޭޝަނަލް އެއާލައިންތަކުން ރާއްޖެއަށް އަންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެވޭނެ އެވެ. މިއީ ރާއްޖޭގެ ޓުއަރިޒަމް އިތުރަށް ފުޅާ ކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެކެވެ.