ads
ރައީސް
ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މަސްތުވާތަކެއްޗާބެހޭ ގާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ.މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.
Advertisement

މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހްތައް ބަޔާންކުރުމެވެ.

އެގޮތުން ގެނެވުނު ބައެއް އިސްލާހްތަކުގެ ތެރޭގައި، ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ތަޢާރުފުކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމާއި، ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާކުރުމުގެ އިތުރުން ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް ޓަކައި ގެންނަންޖެހޭ އެނޫންވެސް އިސްލާހުތައް ހިމެނެއެވެ.

މި ބިލަށް ގެނެވުނު މުހިންމު އިސްލާހުތަކުގެ ތެރޭގައި،  މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބު ބޮޑުކޮށް، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/75,000 ރުފިޔާއިން ފެށިގެން -/7,500,000  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އަދި ބިލުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވަނީ ކަނޑައަޅައިފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 350  ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް، ނުވަތަ 250  ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން، ނުވަތަ އެހެން ޑްރަގެއް،  ނުވަތަ 100  ގްރާމަށްވުރެ އިތުރު އަދަދެއްކަމުގައި ވުމާއެކު އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެމީހަކު ދިވެހިރާއްޖެއަށް އެތެރެވިއިރު، އެތެރެކުރި އެއްޗަކަށްވުން ހިމެނެއެވެ.

މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބަލަންވާނެކަމަށާއި، އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމުންކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި ބިލުގައި ޢުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މައާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އަދި އެފަދަ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނު ގައި ބަޔާންކުރާ އިއުތިރާފުގެ އެއްބަސްވުމެއް ވެގެންނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، މި ބިލުގައި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށްތަކެއް ވަނީ ކަނޑައަޅައިފައެވެ. އެ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އެފަދަ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން ވެސް ހިމެނެއެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރަން ގެންގުޅޭ އުޅަނދު ހިފަހައްޓައި ދައުލަތަށް ނެގުމާއި، "މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން" ބަންދުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 3  މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް