ލަންކާއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް 200 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ހޯދުމަށް އެ ގައުމުން މިހާރު ވަނީ ހުށަހަޅައިފަ އެވެ. މި ކަން ހާމަކޮށްފައި ވަނީ ބައިނަލްއަގްވާމީ މާލީ އިދާރާއެއް ކަމުގައިވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފު)ންނެވެ.
ތޫފާނުގައި ވެފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ލަންކާއިން ކުރަމުން އަންނައިރު ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 607 އަށް އަރައިފަ އެވެ. އަދި ގެއްލިފައިވާ 346 މީހުން ފެނިދާނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.
ޗަންދްރަކީރްތީ ވިދާޅުވީ ގެދޮރު ސާފުކުރުމަށް ކޮންމެ އާއިލާއަކަށް ސަރުކާރުން 25،000 ރުޕީސް (81 ޑޮލަރު) އަދި ގެދޮރު ގެއްލުނު މީހުންނަށް 2.5 މިލިއަން ރުޕީސް (8،100 ޑޮލަރު) ދޭނެ ކަމަށެވެ.
އައިއެމްއެފްއިން ބުނީ ސްރީލަންކާ ސަރުކާރުގެ މިހުށަހެޅުމާ ގުޅިގެން އެ ގައުމަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ސްރީލަންކާގައި މިވަގުތު ތިއްބެވި އެ ފަންޑުގެ މިޝަންގެ ބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އައިއެމްއެފް" އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން 200 މިލިޔަން ޑޮލަރުގެ އަވަސް ލޯނެއް ސްރީލަންކާއަށް ބޭނުންވަނީ ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން ސަލާމަތްވުމަށް އެ ގައުމުގެ ސަރުކާރުގެ ބަޖެޓުން މިހާރު ކުރަން ޖެހިފައިވާ ޚަރަދުތަކުގެ ބޮޑުކަމުން ބަޖެޓަށް ކުރިމަތިވެފައިވާ ޑެފިސިޓް ކުޑަކުރުމަށްޓަކައެވެ.
އައިއެމްއެފް އަކީ ގައުމުތަކުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ލޯނު ދޭ ބައިނަލްއަގްވާމީ މާލީ އިދާރާއެކެވެ.
ތޫފާން ދިތުވާގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު 1.2 މިލިޔަނަށް އަރާއިރު ސްރީ ލަންކާގެ މަގުތަކާއި ރޭލްވޭތަކާއި ހައިވޭތަކުގެ ބޮޑުބައެއްވަނީ ހަލާކުވެފަ އެވެ. އާންމުންގެ ގެދޮރު ހިމެނޭގޮތަށް ލައްކައަކަށް ވުރެގިނަ އިމަރާތް ވަނީ ހަލާކުވެފަ އެވެ. އެހާ ގިނަ އިމާރާތްތަކެއްވަނީ މަރާމާތު ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ.