ads
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޒަކާތުގެ ގާނޫނުން ހަރަދުކުރަނީ، ދެފުށް ފެންނަ ގޮތަކަށްކަން ކަށަވަރު ކުރާނެ: ޑރ. ޝަހީމް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނުން ޒަކާތުގެ ފައިސާ ހަރަދުކުރަނީ، ދެފުށް ފެންނަ ގޮތަކަށްކަން ކަށަވަރު ކުރެވި. ޖަވާބުދާރީ ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެ ގާނޫނަށް އަމަލު ކުރަން ފަށާ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައި ވަނީ އަންނަ ޖެނުއަރީ 1 އިން ފެށިގެންނެވެ.

ރައްޔިތުންގެ މަޖިލިހުން މި މަހުގެ ތިންވަނަ ދުވަހު ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވި ބިލްގެ މަގުސަދަކީ އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުން ކަމަށް ސަރުކާރުން ބުންޏެވެ.

އެ ގާނޫނަށް އަަމަލުކުރަން ފެށުމުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ، އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ.ޝަހީމް ވިދާޅުވީ، ޒަކާތުގެ މަސައްކަތަށް ގާނޫނީ ހައިސިއްޔަތު ލިބުމަކީ ނިޒާމު ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑު ކުރިއެރުމަކީ މި ނިޒާމަކީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނެ ނިޒާމަކަށް ވެގެން ދިއުން ކަމަށެވެ. މި ގާނޫނުގެ ދަށުން، ޒަކާތުގެ ފައިސާ ޖަމާ ކުރުމަށް އެމްއެމްއޭގައި ވަކި އެކައުންޓެއްވެސް ވަނީ ކަނޑައަޅާފަ އެވެ.

"ވަރަށް މުހިންމު މުވައްސަސާއަކަށް މި އިތުބާރު ލިބެނީ. އޮޑިޓްކުރާނެ، ހިސާބުކިތާބު އާއްމުކުރާން ގާނޫނުން ލާޒިމުވީ. ޒަކާތުގެ ފައިސާ ހަރަދުކުރަނީ، ދެފުށް ފެންނަ ގޮތަކަށްކަން ކަށަވަރު ކުރާނެ. ޖަވާބުދާރީ ކުރެވޭނެ." ޑރ.ޝަހީމް ވިދާޅުވި އެވެ.

ޒަކާތުގެ ގާނޫނުގައި ވަނީ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޒަކާތު ހައުސް އަށެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި ފަންޑުން ކުރެވޭނެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.

ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ މީހުންނަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގާނޫނުގައި ކަނޑައަޅާފައި ވެ އެވެ.

ޒަކާތު ގާނޫނަށް އަމަލު ކުރަން ފަށާ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައި ވަނީ އަންނަ ޖެނުއަރީ 1 އިން ފެށިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް