ފުލުހުން ބުނީ އަލިފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައް ހައްލުކުރުމަށް އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށު ކައުންސިލް ހާއްސަ މަސައްކަތެއް ފަށާފައިވާކަމަށެވެ.
މިމަހުގެ އެއްވަނަދުވަހުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން އަލިފުށީގައި އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މަސައްކަތުގެ ތެރެއިން މިހާތަނަށް 74 ބިދޭސީއެއްގެ މައުލޫމާތު އެއްކުރެވިފައިވާއިރު، އެއްވެސް ލިޔެކިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދާކަން ފާހަގަވީ 3 ބިދޭސީންކަމަށް ފުލުހުން ބުނެއެވެ. އަދި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައިފާސްކޮށް، އެއް ވިޔަފާރިއެއްގެ މައުލޫމާތު ނަގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
އަލިފުށީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގައި ފުލުހުން
ފުލުހުން ބުނީ އަލިފުށީގައި ހިންގާ އޮޕަރޭޝަންގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ހިއުމަން ޓްރެފިކިން އަދި މަނީ ލޯންޑާ ފަދަ ޖިނާއީ ކުށެއް ފާހަގަވެއްޖެނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީވެސް މިމަސައްކަތުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއްކަމަށް ފުލުހުން ބުނެއެވެ.