ބަންގާޅު ކަނޑުގައި މިވަގުތު އުފެދިފައިވާ ކޮޅިގަނޑު މި ހަފުތާގައި ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް އެ މީޑިޔާތަކުން ބުނެ އެވެ.
ލަންކާގެ މޫސުމާ ބެހޭ އިދާރާއިން މިއަދު މެންދުރު ފަހު ވަނީ ވިދާ ގުގުރާނެ ކަމަށް ލަފާކޮށް މިރޭ 11:00 އާ ހަމަށް އެ ގައުމުގެ ދެކުނުގެ ހަތް ސަރަހައްދަކަށް ރެޓް އެލާޓް ވެސް ނެރެފަ އެވެ.
ލަންކާއަށް މޫސުން ގޯސްވާނެ ކަމަށް އަނެއްކާވެސް ލަފާކޮށްފައިވާއިރު، މިދިޔަ ހަފުތާގައި އެ ގައުމަށް އެރި ތޫފާން ދިތުވާގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުގެ މަރުވި މީހުންގެ އަދަދު މަދުވެގެން 300 އިން މައްޗަށް އަރާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ބުނެ އެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި އެ ހާދިސާގައި 25،000އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 148،000އަށް ވުރެ ގިނަ މީހުން ދައުލަތުގެ ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ޑީއެމްސީން ބުނީ ބައި މިލިއަން މީހުންނަށް އެކި އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ.
ލަންކާގެ ނޫސްތަކުން ނެރުން އިންޒާރު
ޑީއެމްސީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ކޭންޑީންނެވެ. އެ ސަރަހައްދުން 88 މީހުން ވަނީ މަރުވެފަ އެވެ. ބަޑުއްލާ އިން 71 މީހުން މަރުވިއިރު، ނުވަރަލިއާ އިން 68 މީހުން ވަނީ މަރުވެ ފައެވެ. އަދި މަޓަލޭ ސަރަހައްދުން 23 މީހުން ވަނީ މަރުވެފަ އެވެ.
އެންމެ ގިނަ ބަޔަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ވެސް ކޭންޑީންނެވެ. އެ ސަރަހައްދުން 150 މީހުން ވަނީ ގެއްލިފަ އެވެ.
ދިތުވާ ތޫފާން އެރީ އިރުމަތީ އައްސޭރިފަށެވެ. ނަމަވެސް އެ ތޫފާން ވަނީ އެ ގައުމު ދޫކޮށް ގޮސްފަ އެވެ. ލަންކާއަށް އެރި ތޫފާން "ދީތްވާ" މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރަށެވެ. އެ ތޫފާން މިރޭގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެ އެވެ.
ލަންކާގައި 2003 ވަނަ އަހަރު ހިނގި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި 254 މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވި އެވެ.