މި ދެ ރަށް ދިގު މުއްދަތަކަށް ދޫކޮށްފައި ވަނީ ކުރީގެ ސަރުކާރުން ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކައުންސިލުން ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކޮށްފައި ވަނިކޮށް، ކޯޓުން މައްސަލަ ބޭރުކޮށްލީ ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމަށް ވެސް ކައުންސިލްގެ ފަރާތުން އެއްވެސް މީހަކު ހާޒިރުވެފައި ނުވާތީ އެވެ.
މައްސަލަ ބާތިލްކޮށް ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އަޑުއެހުންތަކަށް ވެސް ކައުންސިލުން ހާޒިރުވެފައި ނުވާ ކަމަށެވެ. މީގެ އިތުރުން، ހުކުމް އިއްވަން ތާވަލުކުރި ދުވަހު އަޑުއެހުން ފެށުމާ ގާތްވެފައި ވަނިކޮށް ކައުންސިލްގެ ވަކީލު މައްސަލައިން ތަނާޒަލްވާން އެދުނު ކަމުގައި ވިޔަސް، ގަވާއިދާ ހިލާފަށް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ބަލައިނުގަނެވޭނެ ކަމަށް ކޯޓުން ކަނޑައެޅި އެވެ. ވަކީލުގެ އެއްބަސްވުން ހަމަވިޔަސް، ކައުންސިލް ތަމްސީލުކުރާނެ އެހެން ފަރާތެއް ވެސް ކައުންސިލުން ކޯޓަށް ފޮނުވާފައެއް ނުވެ އެވެ.
މި މައްސަލައިގައި ހިމެނޭ ކެނދިވަރު އަކީ ދަމަކް އޯޝަން ހައިޓްސް ކުންފުންޏާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ރަށަކަށް ވާއިރު، ދޮނައެރިކަނޑޫދޫ އަކީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ސަރުކާރާއި އަބޫ ދާބީ ފަންޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދޫކުރަން ނިންމާފައިވާ ރަށެކެވެ. މީގެ ކުރިން ކައުންސިލުން ވަނީ މި ރަށްތައް ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. ނަމަވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން އޭރު ވެސް ވަނީ ނިންމާފަ އެވެ.