މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ފެށި ބޮޑެތި މަޝްރޫއުތައް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސޯލިހު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ސޯލިހު ވަނީ، ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތައް ލަސްނުކޮށް، ވީހާވެސް އަވަހަށް އެކަންކަން ނިންމުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވެފައިވާ ގިނަ ގޮންޖެހުންތަކާއި ދަތިތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަސައްކަތްތަކެކެވެ.
މި ދުވަހުގެ ތަހުނިޔާ ހުރިހާ މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށް އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަރިސްކުރައްވަމުން ސޯލިހު މިފަދައިން ވިދާޅުވި ނަމަވެސް، އެއީ ސީދާ ކޮން މަޝްރޫއުތަކެއް ކަން ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަމާ ގުޅުންހުރި އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި އައިސްޕްލާންޓް އެޅުމުގެ މަސައްކަތްތައް ފަށާފައި ހުރިކަން ފާހަގަކޮށްލެވެއެވެ.