އެ އެއާލައިން އިން މިގޮތަށް ނިންމީ ޕޯޗުގަލްގެ ދަތުރުފަތުރުގެ ނިޒާމު އެއްކޮށް ހުއްޓުމަކަށް އައުމާ ގުޅިގެން، ޝެޑިއުލް ކޮށްފައިވާ ދަތުރުތައް ކެންސަލް ކުރަން ޖެހުމުންނެވެ.
އެމިރޭޓްސް އިން ހާމަކޮށްފައިވާ ގޮތުގައި ޑިސެމްބަރު ބުރާސްފަތި ދުވަހު ލިޒްބަން އަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް ވަނީ ކެންސަލްކޮށްފައެވެ. މިއީ ޕޯޗުގަލްގައި މުޅި ގައުމު ހިމެނޭހެން ކުރިއަށް ގެންދާ އާންމު ހަޅުތާލެއްގެ ސަބަބުން އެ ގައުމުގެ ޓްރާންސްޕޯޓު ސެކްޓަރު ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވޭތީ އެޅި ފިޔަވަޅެކެވެ. މިކަމުގެ އަސަރު ޑުބާއީ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ދަތުރުކުރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ކުރާނެއެވެ.
މި ނިންމުމާ ގުޅިގެން، ޑުބާއީ މަގުން ޓްރާންސިޓްކޮށް ލިޒްބަން އަށް ދާން ތިބި ފަސިންޖަރުންނަށް ދަތުރު ނުފެށޭނެކަން އެމިރޭޓްސް އިން ވަނީ އަންގާފައެވެ. އެގޮތުން ޑުބާއީ އިން ލިޒްބަން އަށް ދަތުރުކުރާ އީކޭ191 އަދި އީކޭ193 އިން ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތައް، އެ މީހުން ދަތުރު ފަށާ ފުރަތަމަ މަންޒިލުން ބޯޓަށް ނާރުވާނެ ކަމަށް އެއާލައިން އިން ބުންޏެވެ. މި ވަގުތަށް ކެންސަލްކޮށްފައިވާ ފްލައިޓްތަކަކީ ޑުބާއީ އިން ލިޒްބަން އަށް ދާ އީކޭ191 އާއި އީކޭ193 ގެ އިތުރުން، ލިޒްބަން އިން ޑުބާއީ އަށް އަންނަ އީކޭ192 އަދި އީކޭ194 އެވެ.
ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމިރޭޓްސް އިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ. އަދި ހަޅުތާލު ނިމުމަކަށް އައުމާއެކު، ވީހާވެސް އަވަހަކަށް އޮޕަރޭޝަންތައް އާންމު ހާލަތަކަށް ގެނައުމަށްޓަކައި އެއާޕޯޓުގެ ބައިވެރިންނާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާލައިން އިން ބުންޏެވެ.
މި ދުވަސްވަރު ޕޯޗުގަލް އަށް ދަތުރުކުރަން ރާވާފައިވާ ފަރާތްތަކުން އެމިރޭޓްސްގެ ވެބްސައިޓް މެދުވެރިކޮށް ފްލައިޓް ސްޓޭޓަސް ބެލުމަށް އެ އެއާލައިން އިން އިލްތިމާސްކުރެއެވެ. އަދި ދަތުރުތައް އަލުން ފެށޭނެ ތާރީހެއް ކަށަވަރު ވަންދެން ފަސިންޖަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް އެމިރޭޓްސް އިން ހާމަކުރިއެވެ.