މި ފަހަރުގެ ފޮތް "ދިރާސާ ކުރާނެ ފަސޭހަ ގޮތްތައް" އަމާޒުކޮށްފައިވަނީ ދިރާސާކުރާ މީހުންނަށާއި ދަރިވަރުންނަށާއި، ކިޔަވައި ދިނުމުގައި ހަރަކާތްތެރިވާ މުދައްރިސުންނަށެވެ.
އައްޑު އަތޮޅު މީދޫގެ ޤަދަރުވެރި ޢާއިލާއަކަށް އުފަން އަހުމަދު ފަޔާޒް ހަސަން ލިޔުންތެރިކަމުގެ ތެރެއަށް ފީނައިގެންނެވީ މަޖީދިއްޔާގެ ސްކޫލްގައި ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރުއެވެ. ފަޔާޒް އެންމެ ފުރަތަމަ ލިޔުމެއް ޝާއިއު ކުރެއްވީ މަޖީދިއްޔާ ސްކޫލް ގްރޭޑް 8 ގައި ކިޔަވާ ވިދާޅުވި އިރު 1984 ވަނަ އަހަރު އެވެ. މީގެ އިތުރުން ދިވެހި ފުޓު ބޯޅައިގެ ރަންދުވަސްވަރު ނިކުންނަމުން ދިޔަ ޒުވާނުންގެ ހަރަކާތް (ފޮޅި) އަށް ޤަވާއިދުން ލިޔުއްވިއެވެ. އަދި ހަފްތާ ނޫސް، އާފަތިސްއަށް ލިޔުއްވިއެވެ.
މީގެ އިތުރުން ކިޔަވާ ދިނުމަށްޓަކައި އެކިއެކި ޓެކްސް ފޮތް ތައް ލިޔުއްވާފައިއެވެ.
މަޖީދިއްޔާ ސްކޫލް ގައި ކިޔަވާ ވިދާޅުވަން އުޅުއްވި ދުވަސްވަރު ކުރީގެ "ހަވީރު" ނޫހަށް ލިޔުއްވަން ފެއްޓެވިއެވެ. އަދި ލިޔުއްވާ ލިޔުއްވުންތައް ފެންވަރު ރަގަޅުވުމާއި އޯޑިއެންސަށް ކަމުދާކަން ހަވީރުގެ އެއް ފައުންޑަރ ޑަކްޓަރ ޒާހިރު ހުސައިންއަށް ޤަބޫލުފުޅު ކުރެއްވިގެން އެލަވަންސެއް ދެއްވަން ފެއްޓެވިއެވެ.އެއީ އެދުވަސްވަރު މަޖީދިއްޔާގައި ދަރިވަރުންގެ ތެރެއިން ލިޔާ ކުދިން ނެތުމާއި އެކު ހިތްވަރު ދެއްވުމުގެ ގޮތުން އެމަނިކުފާނު ކުރެއްވިކަމެކެވެ.
އަހުމަދު ފަޔާޒް ހަސަން މިހާތަނަށް 7 ފޮތެއް ލިޔެ ޗާޕު ކުރައްވައި ނެރުއްވާފައުވެއެވެ. އެއިގެ ތެރޭގައި 1990 ވަނަ އަހަރުގެ ވާރލްޑް ކަޕް، 1991 ގައި ޖޯޖް އޯވެލްގެ އެނިމަލް ފާރމް ގެ ދިވެހި ތަރުޖަމާ، މަޝްހޫރު ލިޔުންތެރިޔާ ޚަލީލް ޖިބްރާންގެ ބްރޯކަން ވިންގްސް ގެ ތަރުޖަމާ ބިނދުނުވަރަ، ފީފާ ވާލްޑް ކަޕް 1994 ޔޫ.އެސް.އޭ، ފީފާ ވާރޑްކަޕް 1998 ފްރާންސް، ފީފާ ވާރލްޑް ކަޕް 2002 ކޮރެއާ ޖަޕާން ހިމެނެއެވެ.މީގެ އިތުރަށް "ލޯބި" މި ފޮތް ލިޔުއްވައި ނިންމަވައި މިހާރުވަނީ ޗާޕު ކުރުމުގެ މަގުމަތީގައެވެ.
މި ފޮތްތަކުގެ ތެރެއިން މިހާތަނަށް އެންމެ މަޤުބޫލު އެއް ފޮތަކީ "ދަ އެނިމަލް ފާރމް" ގެ ދިވެހި ތަރުޖަމާއެވެ. އެ ފޮތް 2 ފަހަރެއްގެ މަތިން ޗާޕުކޮށް ވަނީ ހުސްވެފައެވެ.
ފަޔާޟްވަނީ 1983 ވަނަ އަހަރުން ފެށިގެން 1990 އަހަރާއި ހަމައަށް ބޭރު ދުނިޔޭގެ ޚަބަރުތަކާއި ތިމާވެއްޓާއި ގުޅޭ ޚަބަރުތައް ކިޔުންތެރިންނާއި ހަމައަށް ގެނެސް ދެއްވާފައެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށާއި މުޖުމަތަމައުގައި ހުރި އެކިއެކި މައްސަލަތަކަށް އަމާޒުކޮށް 1990 ވަނަ އަހަރުގެ ތެރޭގައި ނެރެނު "ހުކުރު" މަޖައްލާގެ އެޑިޓޯރިއަލްގެ މެންބަރަކަށް ފަޔާޒް މަސަކަތް ކުރައްވައި ބިނާކުރުވަނިވި ލިޔުންތައް އެ މަޖައްލާއަށް ލިޔުއްވިއެވެ. އަދި އެމެޖައްލާ އޭރުގެ ސަރުކާރުން އުވާލައްވައި ދެރަގޮތްތައް މެދުވެރިވިއިރު ފަޔާޟްއަށްވެސް ވަރަށް ހިތާމަވެރި ގޮތްތައް މެދުވެރިވިއެވެ.
ފަޔާޒް އިގިރޭސިބަހުން ހުންނަ ލިޔުންތަކާއި ފޮތްތައް ދިވެހި ބަހަށް ނިކަން ރީތިކޮށް ތަރުޖަމާ ކުރައްވައެވެ. މީގެ ތެރޭގައި ޖޯޖް އޯވެލްގެ އެނިމަލް ފާރމް ގެ ދިވެހި ތަރުޖަމާއާއި މަޝްހޫރު ލިޔުންތެރިޔާ ޚަލީލް ޖިބްރާންގެ ބްރޯކަން ވިންގްސް ގެ ދިވެހި ތަރުޖަމާ "ބިނދުނު ވަރަ" ފާހަގަކޮށްލެވެއެވެ.
އަހުމަދު ފަޔާޒް ހަސަން އަކީ މުދައްރިސެކެވެ. ހެޑްމާސްޓަރެކެވެ.އަދި ޕްރިންސިޕަލެކެވެ. ފަޔާޒްވަނީ ތަޢުލީމީ ދާއިރާގައި 20 އަހަރު މެދު ނުކެޑި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ.ދިވެހި ދަރިވަރުން ބިނާކުރުމަށް ރާއްޖޭގެ އަތޮޅު ތެރޭގައާއި މާލޭގައި ފަޔާޟްވަނީ 05 ސްކޫލެއްގައި މަސައްކަތް ކުރައްވާފައެވެ. ފަޔާޟް އުގަންނައި ދިނުމަށާއި އަންގައި ދިނުމަށް ލޯބި ކުރައްވައެވެ. އެހެންކަމުން ތަޢުލީމީ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އެންމެ ފުރަތަމަ ފަޔާޒް އުގަންނައި ދެއްވަން ފެއްޓެވީ ސްކޫލް ދައުރުގައި 1983 ވަނަ އަހަރުއެވެ. އަދި ރަސްމީ ހައިސިއްޔަތުން ދިވެހި ދައުލަތަށް ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1989 އަހަރުން ފެށިގެންނެވެ. 2011 އަހަރާއި އަމައަށް ދައުލަތަށް ޚިދުމަތް ކުރެއްވިއެވެ.
ފަޔާޒް މިފަހަރު ލިޔުއްވާފައިވަނީ "ދިރާސާ ކުރާނެ ފަސޭހަ ގޮތްތައް" މިނަމުގައި ދިރާސާކުރާ މީހުންނަށާއި ދަރިވަރުންނަށާއި،ކިޔަވައި ދިނުމުގައި ހަރަކާތްތެރިވާ މުދައްރިސުންނަށް ވަރަށް ބޭނުންތެރި ފޮތެކެވެ. މި ފޮތް ޝާޢިއުކޮށްފައިވަނީ ވިލާ ކޮލެޖުންނެވެ.ފޮތް ނެރެދެއްވީ ވިލާ ކޮލެޖްގެ ވައިސްރެކްޓަރ ޑރ.ޢަލީ ނަޖީބްއެވެ. މި ފޮތް ވިލާ ކޮލެޖުން ޢާންމުކޮށް ލިބެންހުންނާނެއެވެ.