ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުން ރާއްޖޭގެ އިގުތިސާދީ އަދި އިޖްތިމާޢީ ތަރައްގީއަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ޗައިނާއިން ދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ބަދަހިކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރުވެސް ގުޅުން ގާއިމްކުރެވިފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.
އެގޮތުން ގެދޮރުވެރިކަމާއި މަސްވެރިކަމާއި އުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ ފަހުމުނާމާތަކާއި، އެ ފަހުމުނާމާތަކުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ދެ ގައުމުންވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޑޮންގްމިން ވަނީ، ރާއްޖެ އާއި ޗައިނާއާ ދެމެދުގައިވާ ގާތްގުޅުން ފާހަގަކުރައްވައި، ރައީސް މުއިއްޒު ޗައިނާ އަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވައިފަ އެވެ.
އަދި މި ދަތުރުފުޅުގެ ބޭނުންފުޅަކީ ދެ ގައުމާއި އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ދެ ގައުމު ގުޅިގެން ރާއްޖޭގައި މިހާރު ވެސް ކުރިއަށް ގެންދާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށާއި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.