ޑާކް ރެއިން ބުނާ ގޮތުގައި އަޅުވަން ނިންމާފައިވާ ރަށްތަކަކީ ފުވައްމުލަށް ސިޓީ، ރ.އުނގޫފާރު، ޅ.ކުރެންދޫ، ޅ،ނޮޅިވަރަން، އއ. މަތިވެރި، ހއ.ފިއްލަދޫ، މ.މުލީ، ކުރަމަތި އައިލެންޑް ރިސޯޓް، ށ.މިލަންދޫ، ނ.މިލަދޫ، ރ.ރަސްގެތީމު، ބ.ކަމަދޫ، ބ.ތުޅާދޫ، ފ.ފީއަލި، ގއ.ގެމަނަފުށި، ށ.ފުނަދޫ، ރ.ދުވާފަރު، ބ.ކުޑަރިކިލު އަދި ދ.މީދޫ ކަމުގަ އެވެ.
މީގެތެރެއިން ފުވައްމުލަކޔ ސިޓީގައި 3 ޝޯ، ނޮޅިވަރަންފަރުގައި 2 ޝޯ އަދި މުލީގައި 2 ޝޯ އަޅުވަން ނިންމާފައިވާ ކަމަށް އެ ޕްރޮޑަކްޝަން އިން ބުނެ އެވެ.
ޝަރަފް އަބްދުﷲއާއި މަރިޔަމް މަޖުދާ މުހިއްމު ރޯލުތަކުން ފެންނަ "އަލްވަދާއު" ސިނަމާތަކަށް އައިސްފައިވަނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. ފިލްމުގެ ވަދާއީ ޝޯގެ ޓިކެޓުތައް މިހާރު ދަނީ އޮލިމްޕަހުން ވިއްކަމުންނެވެ.
ޝަހުދާ މަހުމޫދު (ޝަހޫ) ލިޔެ، ޗިއްޕެ ޑައިރެކްޓްކުރާ "އަލްވަދާއު"ގެ ލީޑް ރޯލުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އާއި ޝަރަފެވެ.
މީގެ އިތުރުން ދަރާ ރަޝީދު، ޝީލާ ނަޖީބް، އަދި އާއިޝަތު ލައިޝާ ލަތީފް ފަދަ ތަރިން ވެސް މި ފިލްމުން ފެނިގެންދެ އެވެ.
ޑާކް ރެއިން އެންޓާޓައިންމަންޓް ފާހަގަ ކުރެވެނީ ތަފާތު މޮޅު ފިލްމުތަކެއް ނެރޭ އަދި އާންމުން ގެ މަގްބޫލު ޕްރޮޑަކްޝަން އެއްގެ ގޮތުގައި އެވެ.
އެ ޕްރޮޑަކްޝަންގެ ލޯބީގެ ފިލްމުތައް ބަލަންދާ އާންމު ރައްޔިތުންގެ ލޮލުން ކަރުނަ ނުހިލުމުމަކީ ނާދިރު ކަމެކެވެ.
ހަމަ އެ ފަދައިން މި ފިލްމު ބެލުންމަށް ފަހު އޮލިމްޕަހުން ނިކުތް ގިނަ މީހުން ބުނަމުން ދަނީ މީ ވެސް ހަމަ އެ ފަދައިން ބެލުން ރޮއްވާލި ފިލްމެއް ކަމުގައި އެވެ.
މި ފިލްމު ނުބަލާ ހުރި ފަރާތެއް ނަމަ އަވަހަށް ޓިކެޓް ނަގަން ދުރުވަން ޑާކްރެއިން އިން ވަނީ އެދިފައި އެވެ.