އެ އެންމެން ދޫކޮށްލިކަން ފާހަގަކޮށް ނެރުނު ބަޔާނެއްގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން މިއަދު ބުނީ، މިއީ އެ މަސްވެރިން ދޫކޮށްލަން ގޮވާލައި، އިންސާފު ހޯދުމަށް ޔޫނިއަންގެ މެންބަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބައި ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އިހުތިޖާޖުކުރި މަސްވެރިން ފަހުން ވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ބައްދަލުކޮށް، މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި އެ ބައްދަލުވުން ކާމިޔާބު ކަމަށް ވެސް ބުނެފައިވެ އެވެ.
މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ކުރީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
މަސްވެރިން ކުރަމުންދާ ޑިމާންޑުތަކާމެދު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސަރުކާރުން ގޮތެއް ނިންމާނެ ކަމުގެ ޔަގީންކަން ވެލާނާގޭގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ދެއްވި ކަމަށް މަސްވެރިން ބުންޏެވެ.