އަމާން އުދަރެހުގެ 6ވަނަ ޓަވަރުގައި ޖީޕީ ކްލިނިކް ގާއިމްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު ކޮމާޝަލް ޔުނިޓް ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 9ވަނަ ދުވަހު އެވެ. މި އެއްބަސްވުމުގެ ދަށުން އަމާން އުދަރެސްގެ 6ވަނަ ޓަވަރުން 6788.43 އަކަފޫޓުގެ ޖާގައިގެ ޔުނިޓެއް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ވަނީ ދޫކޮށްފަ އެވެ.
މިއަދު މި ކްލިނިކްގެ މަސައްކަތްތައް ބައްލަވާލެވުމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވަޑައިގެންނެވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ޖީޕީ ކްލިނިކެއް ހިންގަ އެވެ. ހިޔާ ޓަވަރު 16ގައި ހިންގާ އެ ކުލިނިކުން 24 ގަޑިއިރަށް ހިދުމަތް ދޭން ފެށީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ހުޅުވާފައިވަނީ މިިދިޔަ މަހުގަ އެވެ. މާލެ ސަރަހައްދުގައި ތަރައްގީކުރާ ޖީޕީ ކްލިނިކްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް އެފަދަ ސެންޓަރުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.