ކުރިއަށް އޮތް 24 ގަޑިއިރު އެވްރޭޖްކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޯށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އާންމު ވައި ހުރީ 7 މޭލާއި 15 މޭލާއި ދެމެދު ކަމަށެވެ.
މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދު ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނު އަތޮޅުތަކަށް 8 މޭލާއި 18 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
އަދި ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މިހާރު ދައްކާގޮތުން މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ހަފުތާ ބަންދަށް ފަހުއެވެ. މޫސުން އަލިކުރާނެ ކަމަށް ލަފާކުރެވެނީ އާދީއްތައިގެ ފަހުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު މިފަދަ ދަނޑިވަޅުތަކުގައި މޫސުމަށް ސަމާލުވެ ދަތުރު ކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.