މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ ފުލުހުން ގެންދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ހާމަކުރި މައުލޫމާތަށް ބަލާއިރު، މި ހިނގާ ޑިސެންބަރު މަހުގެ 18 އިން 19 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ހަމައެކަނި ހުޅުމާލެއިން 28 ސައިކަލް ވަނީ ޓޯކޮށްފައެވެ. އޭގެ ތެރެއިން 18 އުޅަނދަކީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރެގެން ނަގާފައިވާ އުޅަނދުތަކެވެ. އަދި ނުވަ އުޅަނދެއް ޓޯކުރީ ލައިސަންސް ނެތި ދުއްވައިގެން ކަމަށާއި، އެއް އުޅަނދަކީ ނުރައްކާތެރިކޮށް ދުއްވައިގެން ޓޯކުރި އުޅަނދެއް ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މަގުމަތީގެ ގަވާއިދުތަކާ ހިލާފުވެގެން 14 އުޅަނދެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މަގުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، ގަވާއިދުތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.