ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތާއެކު މިހާރުވަނީ ފަރުކޮޅު ފުއްޓާ ގުޅާލާފަ އެވެ. ރިސޯޓެއްގެ ގޮތުގައި ހިންގަމުން ދިޔަ ފަރުކޮޅު ފުއްޓަކީ، ބައެއް ފަރާތްތަކުން ކައިވެނި ޕާޓީތަކާއި އެނޫންވެސް ޕާޓީތައް ބާއްވަމުން އަންނަ ތަނެކެވެ.
ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ވަނީ ބިންހިއްކުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއްކުންފުނި، ނެދަލޭންޑްސްގެ ބޮސްކާލިސްގެ ޑްރެޖަރެއް ގެނެސްފަ އެވެ. އެއީ 22,000 ސީބީއެމްގެ ޑްރެޖަރެކެވެ.
ފަރުކޮޅުފުށި ސަރަހައްދު ތަރައްގީކުރަން ކުރިން ރާވާފައިވާ ގޮތުގެ ޑިޒައިނެއް - ފޮޓޯ: އެޗްޑީސީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވީ މާލޭ މީހުންނަށް ގޯތި ދިނުމަށް ހުޅުމާލެ ތިނަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސްކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައި ވާތީ، ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އެމަނިކުފާނު އަންދާޒާ ކުރައްވާ ގޮތުގައި ގިރާވަރު ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ އެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ތިނަކުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން ވެސް އިއްޔެ ވަނީ ބާއްވައިފަ އެވެ.