ނޮވެމްބަރު މަހު ރިލީޒްކުރި މި ފިލްމު ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު، އަލުން ސްކްރީން ކުރަން ފަށާފައި ވަނީ އާ މަންޒަރުތަކަކާ އެކުގަ އެވެ. މި ބަދަލުތަކާ އެކު ދެއްކި ފިލްމުގެ 14 ވަނަ ޝޯ ވެސް ވަނީ ފުރިބާރުވެފަ އެވެ. މިހާރު ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓު ވެސް ހަލުވިކަމާ އެކު ދަނީ ވިކެމުންނެވެ.
އާންމުންގެ ފަރާތުން މި ފިލްމަށް ރަނގަޅު ކޮމެންޓްތަކެއް އަންނަނީ ލިބެމުންނެވެ. ފިލްމު ބެލި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އަނިޔާ ލިބޭ ކުއްޖެއްގެ ވާހަކަ މި ފިލްމުގައި ގެނެސްދީފައި ވަނީ ހުތުރު ބަހުރުވަ ބޭނުންކުރުމެއް ނެތި، ވަރަށް ފުރިހަމައަށެވެ. އަދި ފިލްމުގެ ފެށުނީއްސުރެ ނިމެންދެން ސަސްޕެންސް ހިފެހެއްޓިފައިވާލެއް މޮޅުކަމުން ބެލުންތެރިންގެ ޝައުގުވެރިކަން ފިލްމަށް ގެއްލުނަ ނުދީ ހިފަހައްޓައިދެ އެވެ.
މުހައްމަދު އަރީހް ޕްރޮޑިއުސްކޮށް އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓްކޮށްފައިވާ "ލިލީ" އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އީ-ޓިކެޓް ތައާރަފްކުރި ފިލްމެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރުދާސް ބޭނުންކުރުން މަދުކުރުމުގެ މަގުސަދުގައި ފެށި މި އުސޫލުގެ ދަށުން، އޮލިމްޕަސް ކައުންޓަރުންނާއި ވެބްސައިޓް އަދި ވައިބާ މެދުވެރިކޮށް ފަސޭހަކަމާ އެކު ޓިކެޓް ގަނެވޭނެ އެވެ. އަތޮޅުތެރޭގައި ވެސް ފިލްމުގެ ޝޯތައް ފުރިބާރުވަމުން އަންނައިރު، ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް ހޮޓްލައިން މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ އެވެ.