އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގަޕޯ ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުނުކޮށް، ހިރިމަރަދޫ ކައުންސިލް އުވާލައި، އެރަށުގެ ރައްޔިތުން ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ވޯޓުލާން ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުމަކީ ގާނޫނުއަސާސީ އާއި، ލާމަރުކަޒީގާނޫނާ ކަޑައެޅިގެން ހިލާފުކަމެއް ކަމަށް ގަޕޯ ވިދާޅުވި އެވެ.
ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން މިއަހަރުގެ ފެބްރުއަރީ މަހު ވަނީ އިއުލާންކޮށްފަ އެވެ. ސަރުކާރުން އެގޮތަށް ނިންމީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
ހިރިމަރަދޫގެ ރައްޔިތުންނާ ރައީސް މުހައްމަދު މުއިއްޒު އޮގަސްޓު މަހު ބައްދަލުކުރެއްވި ޖަލްސާގައި ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވަނީ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ.
އޭގެ ފަހުން އެ ރަށުގައި "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" ގާއިމު ކުރުމަށް "ބިލްޑްޓެކް" ކިޔާ އަމިއްލަ ކުންފުންޏަކާ 4.1 މިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފަ އެވެ. އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ.
ޖުމްލަ 4.10 މިލިއަން ރުފިޔާ ހަރަދުވާ އެ މަޝްރޫއު ބިލްޑްޓެކްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، ސަރުކާރުގެ 206 ޕްރޮޖެކްޓެއް ހަވާލުކުރުމަށް ބާސެލޯ ނަސައްދުރާގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ނަމަވެސް، މީހުން ބާލަން ނިންމާފައިވާ ރަށެއްގައި ޕްރޮޖެކްޓެއް ހިންގަން ނިންމުމުން ގިނަ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވީ އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށެވެ.
ބޯހިމެނުން 2022 އިން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ. ތައުލީމީ ގޮތުން ގުރޭޑު 10 އާއި ހަމައަށް އެރަށުގައި ކިޔަވާދޭއިރު، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އެރަށުން އަންނަނީ ވާދަކުރަމުންނެވެ.