ads
ހައިކޯޓު
ނަދީމްގެ ކުށުގެ ރެކޯޑެއް ނެތް، ބަންދުކުރީ ރެކޯޑު އޮތްކަމަށް ހަދައިގެން: ވަކީލު
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އަލީ ނަދީމްގެ ބަންދާ މެދު ގޮތެއް ނިންމިއިރު، އޭނާގެ ކުށުގެ ރެކޯޑު އޮތް ކަމަށް ދަށު ކޯޓުން ބަލާފައިވީ ނަމަވެސް އޭނާގެ އެއްވެސް ރެކޯޑެއް ނޯންނާނެ ކަމަށް ދިފާއީ ވަކީލު ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.
Advertisement

 ސ. ހިތަދޫ ކޮންމުލި، ނަދީމްގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 30 ދުވަސް ދީފައިވާއިރު، އެ ނިންމުން ބާތިލުކުރުމަށް އެދި ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ނަދީމްގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ، ފުލުހުން އޭނާ ބަންދަށް އެދި ހުށަހެޅި ފޯމުގައި ހެއްކާއި ގަރީނާގެ ގޮތުގައި ކުށުގެ ރެކޯޑު އޮތްކަން ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަގީގަތުގައި ނަދީމްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށާއި، ރެކޯޑު ނެތީސް އެކަން އެގޮތަށް ބަޔާންކޮށް ކޯޓަށް ހުށަނޭޅޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ދަށު ކޯޓުގެ ގާޒީ ބަންދުގެ މުއްދަތު ދިނުމުގައި، ނެތް ރެކޯޑަކަށް ރިއާޔަތް ކުރެއްވިއިރު، އޭނާގެ ރެކޯޑެއް ނެތް ކަމަށް ދައުލަތުން ވެސް އިންކާރުކޮށްފައިނުވާކަން ދިފާއުން ފާހަގަކުރި އެވެ.

މީގެ އިތުރުން ނަދީމްގެ ވަކީލު ފާހަގަކުރެއްވި ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ސިއްރުކޮށްގެންނެވެ. ޝަރީއަތް ސިއްރުކުރަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު އަދި ފުލުހުން ވެސް އެކަމަށް އެދިފައިނުވާއިރު، އަޑުއެހުން ސިއްރުކޮށްފައިވަނީ އިންސާފުގެ ހަމަތަކާ ދުރުން ކަމަށް ވަކީލު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ އިޖުރާއަތާ ހިލާފަށް ކަންކަން ދިޔަ ނަމަވެސް އަމުރު ބާތިލުވާން ނުޖެހޭނެ ކަމަށެވެ.

ހައި ކޯޓުގައި ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ މި މައްސަލައިގައި ހައި ކޯޓުން ގޮތެއް ނިންމުމެވެ. މިދިޔަ މާޗު މަހުން ފެށިގެން ހިންގި ތަހުގީގަކަށްފަހު ނަދީމް ހިމެނޭހެން ފަސް މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް