ads
ރައީސް ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ރައީސް ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނާ ބައްދަލުކޮށްފި
ރައީސް ޑރ މުހައްމަދު މުއިއްޒު، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
Advertisement

ރައީސްގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ، ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި، މި ހިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި އެސޯސިއޭޝަނުން ހުށަހެޅުއްވި ބައެއް ކަންކަމުގެ ތެރޭގައި ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުން ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސެވުމަށް ކުރެއްވިދާނެ ކަންކަމާއި، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތައް ހިމެނެ އެވެ. މީގެ އިތުރުން ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުން، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުގެ ހިޔާލުތައް ރައީސްއާއި ހިއްސާކުރެއްވި އެވެ. އަދި، ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭގޮތުންވެސް ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޓްކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދެއްވުމަށް ސަރުކާރުން ވިސްނަވާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. 

ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ހައްލު ކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް މި ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ 25 ޖުލައި ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން 4 އޯގަސްޓު ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު ގަ އެވެ.

ޓެކްސީ ލައިނަށް ބޭނުންވާ ކާރުތައް ގެންނަން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށެވެ. އެއިރުން ކާރަކަށް އަށް ލައްކަ ރުފިޔާ ޖެހޭނެ އެވެ.

ރަސްމީކޮށް ރަޖިސްޓްރީކޮށްގެން މާލޭގައި 1590 ޓެކްސީ ދުއްވަ އެވެ. އޭގެ އިތުރުން، މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ރަސްމީކޮށް ރަޖިސްޓްރީނުކޮށް ވެސް ވަރަށް ގިނަ ބަޔަކު ޓެކްސީ ހިދުމަތް ދެ އެވެ.

ޓެކްސީ ޑްރައިވަރުން ބުނަނީ ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން މިހާރު އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް