ލައްސާންގެ މައްޗަށް މި ހުކުމް އިއްވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް ބިދޭސީންތަކެއް ހިފަހައްޓައި އެ މީހުންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމަށް އިއުތިރާފުވުމުންނެވެ.
މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު ޝަމްއާން އާއި އިމިގްރޭޝަންގެ އިތުރު ބަޔަކު ހައްޔަރުކުރި މި މައްސަލައިގައި ލައްސާންގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓުން ކަނޑައެޅި މި އަދަބުގައި، ފޭރުމުގެ ކުށަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ހިމެނެ އެވެ. މީގެ އިތުރުން ދެ ދައުވާއަށް ޖުމްލަ 28،000 ރުފިޔާއަށްވުރެ ބޮޑު އަދަދަކުން އޭނާ ޖޫރިމަނާ ވެސް ކުރި އެވެ.
ޖަލު ހެދުމުގައި ހުރެ ޝަރީއަތުގެ މަޖިލީހަށް މިއަދު ހާޒިރުވެ ޝަމްއާންއާ ދެކޮޅަށް ހެކިބަސް ދެމުން ލައްސާން ވަނީ ފައިސާތައް ޝަމްއާންއާ ހަމައަށް ގެންދިޔަ ގޮތް ކިޔައިދީފަ އެވެ.
އޭނާ ބުނި ގޮތުގައި ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، މި މައްސަލައިގައި ހިމެނޭ އެހެން އޮފިސަރަކު ފައިސާ އަޅާފައި ހުރި ހުދު ކޮތަޅެއް ހިފައިގެން ގޮސް ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓަށް ވަން ކަމަށެވެ. އަދި ޝަމްއާން އެ ކޮތަޅާ ހަވާލުވެ، އޭގެ ތެރެއިން ފައިސާގެ ދެ ބޮނޑި ނަގައި އެ ފައިސާ ގެންދިޔަ އޮފިސަރަށް ދިން މަންޒަރު ފެނުނުކަމަށް ވެސް ލައްސާން ކޯޓުގައި ބުންޏެވެ. މި މައްސަލައިގައި ދެން ހިމެނޭ މުހައްމަދު އަލްސަން އިސްމާއިލް ކުށަށް އިއުތިރާފްވުމުން، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ބާކީ އޮތް ބައި 45،000 ރުފިޔާގެ ޖޫރިމަނާއަކަށް ވަނީ ބަދަލުކޮށްފަ އެވެ.