މި ފައިސާ ބޭނުންކުރާނީ ތިން މަޝްރޫއެއް ހިންގުމަށް ޓަކައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެއީ:
ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލް؛ ހޮސްޕިޓަލަށް ކިޔަނީ ވެސް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު
50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއު
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އިބްރާހީމް ހަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިންހުއާ ވަނީ، ޗައިނާ-ރާއްޖޭ ގުޅުމަށް އަލިއަޅުއްވާލައްވާ މި އެއްބަސްވުމަކީ ދެ ޤައުމުގެ ވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިންމި ކަންކަން ތަންފީޒު ކުރުމަށް މުހިންމު އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި އެއްބަސްވުން ތަންފީޒުވާއިރު ރައްޔިތުންނަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
މިއީ ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންނެވިއިރު އެ ގައުމުން ދޭނެކަމުގެ ޔަގީންކަން ދީފައި އޮތް އެހީއެކެވެ. އެ ދަތުރުގައި ރައީސް ހާމަކުރެއްވި ގޮތުގައި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ޗައިނާއިން ދޭނެ އެވެ.