ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސަށް އިސްލާޙު ގެނެސްފައިވާއިރު މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބައެއް މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު އެ ބޭފުޅުންނަށް މަގާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސްވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތައް ބަދަލުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި، ފުލުހުންގެ ރިޓަޔާމެންޓް ގަވައިދަށް ގެންނަ އިސްލާހުގައި ވަނީ، ރިޓަޔާ ކުރާ ފުލުހުންނަށް ދޭ އިނާޔަތް ލިބޭ މީހަކު ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ އެ މަގާމުގައި
ނުވަތަ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ރިޓަޔާމަންޓް އިނާޔަތް ދިނުން އެ މުއްދަތަށް މެދުކަނޑާލަންވާނެ ކަމަށެވެ.
އެ އިނާޔަތް މެދުކަނޑާލުމަށްފަހު ރިޓަޔާމަންޓުގެ އިނާޔަތުގެ ގޮތުގައި މަހުންމަހަށް ލިބޭ ފައިސާ އަލުން ދޭނީ ރިޓަޔާވުމަށްފަހު އަދާކުރަން ފެށި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް އިސްލާހުގައި ވެއެވެ.
މީގެ އިތުރުން، ރިޓަޔާވެފައިވާ ފުލުހަކު އިންތިހާބީ މަގާމަކަށް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކާ ހަވާލުވުމަށްފަހު، އެ ވަޒީފާއިން ވަކިވާއިރު އިތުރު ނުވަތަ ރިޓަޔާމެންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، ފުލުހުންގެ ރިޓަޔާމެންޓް އިނާޔަތް ނުވަތަ އައު ވަޒީފާއިން ލިބޭ އިނާޔަތް އިހުތިޔާރު ކުރަން ވާނެ ކަމަށް އިސްލާހުގައި ވެއެވެ.
ރިޓަޔާކުރާ ފަރާތަކުން އެހެން ވަޒީފާއަކަށް ދިއުމަށް ފަހު، އެފަދަ ފަރާތަކަށް އެ ވަޒީފާ އިން ވަކިިވާއިރު އިތުރު ރިޓަޔާމަންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، އެ ޕެކޭޖު އިހުތިޔާރުކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު އޭގެ ފަހުން ފުލުހުންގެ ރިޓަޔާމަންޓް އިނާޔަތް ނުލިބޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޓީސީސީ އާއި އެޗްޑީސީ ފަދަ ކުންފުނިތައް ހިންގުމުގައި ވެސް ތިއްބެވީ ރިޓަޔާޑް ބޭފުޅުންނެވެ.