ރައީސް މުހައްމަދު މުއިއްޒު މި މަހު ބޭއްވެވި އަވަށު ބައްދަލުވުންތަކުގެ ތެރެއިން މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި ހެންވޭރު އަވަށުގެ ބައްދަލުވުމުގައި މީހަކު ހިޔާލުފާޅުކޮށް ޝުޖޫނަށް ފާޑުކީ އޭނާ ބުރުގާ ނާޅާތީ ކަމަށް ބުނެ އެވެ. ފާޑު ވިދާޅުވެފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފްގެ ބައްޕާފުޅު އަބްދުއްލަތީފެވެ.
އޭނާ ބުނީ އައުރަ ނިވާ ނުކޮށް ހުރި މީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިނދެގެން ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެ މަގާމުގައި ހުންނަން ބޭނުންވާ ނަމަ އައުރަ ނިވާ ކުރަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ދާން ޖެހޭނީ މަސާޖު ޕާލާ ކަހަލަ ތަންތަނަށް ކަމަށް އޭނާ ބުންޏެވެ.
އޭނާ ދެއްކެވި މި ވާހަކަތަކާ ގުޅިގެން އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އަންހެނުންގެ ކަރާމާތާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައިވާ އެ ވާހަކަތައް ކުށްވެރިކުރާ ކަމަށް ބުނެފައެވެ.
އެކަމަކު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށް ބުނެ، އެ ކޮމިޝަނުން ވަނީ އިހުތިރާމާއެކު ހިޔާލު ފާޅުކުރުމަށާއި އަނެކާގެ އަބުރު ރައްކާތެރިވާނެ ގޮތަށް ވާހަކަ ދެއްކުމަށް ގޮވާލައިފަ އެވެ.
ވަކި ޖިންސަކަށް ވީތީ ނުވަތަ އަންހެނަކަށް ވީތީ ކުރާ ފުރައްސާރަ އާއި ތަފާތުކުރުންތަކުން އެއްކިބާވެ ތިބެ، ބިނާކުރަނިވި ގޮތެއްގައި ހިޔާލުފާޅުކުރަން ވެސް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.
ބަޔާނުގައި ބުނީ ރާއްޖެއަކީ އަންހެނުންނާ މެދު ކުރާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލަން ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެފައިވާ ގައުމެއް ކަމަށާއި އަދި އެ ފަދަ އަމަލުތަކަކީ ވެސް ސީޑޯގެ އެ މުއާހަދާއާ ހިލާފު ކަމެއް ކަމަށެވެ.