އެމްކިޔުއޭއިން ނެރުނު އިއުލާނެއްގައި ވަނީ، ރާއްޖޭގައި ހިނގާ ޕީއެޗްޑީ ޕްރޮގްރާމުތަކަށް ވެސް، ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނެ ގޮތުގައި އުސޫލުގައިވާ މުއްދަތުތަކުގެ މިންގަނޑު، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، ތަތުބީގުކުރަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ފުލްޓައިމް މުއްދަތު ކަމަށް ބަލާނީ، އެމްއެންކިއުއެފް ގައިވާ ގޮތަށް މަދު ވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޕާޓްޓައިމް މުއްދަތު ކަމަށް ބަލާނީ، މަދު ވެގެން ފުލް ޓައިމް މުއްދަތުގެ ދެ ގުނަ ނުވަތަ އެއަށް ވުރެ މަދު މަދު ނޫން މުއްދަތެކެވެ.
ޕީއެޗްޑީ އަށް ކިޔަވާއިރު 360 ކްރެޑިޓް ހަމަވާން ޖެހޭ ކަމާއި، ގިނަ އަދަދެއްގެ ދިރާސާ ކުރަންޖެހޭކަން އެމްކިއުއޭއިން ފާހަގަކުރި އެވެ.
އެކަމަކު ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ދަތިވާނެކަން ފާހަގަކޮށް، އެމްކިއުއޭއިން ވަނީ އެފަދަ ފަރާތްތަކުން ޕީއެޗްޑީ ހާސިލްކުރާނަމަ ޕާޓްޓައިމްކޮށް އެކަން ކުރުމަށް އަންގައިފަ އެވެ.
އެމްކިޔުއޭއިން ވަނީ، ރާއްޖޭގެ ޕީއެޗްޑީ ޕްރޮގްރާމުތަކުގެ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށް ޓަކައި، މި މިންގަނޑާ އެއްގޮތަށް އަމަލުކުރަން އަންގާފަ އެވެ.
ރާއްޖޭގައި ޕީއެޗްޑީ ހެދެނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިންނާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިންނެވެ. އެމްއެންޔޫގައި 16 ޕްރޮގްރާމެއް އޮންނަ އިރު، އައިޔޫއެމްގައި އޮންނަނީ ތިން ޕްރޮގްރާމެވެ.