ads
ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތް އަންނަ މަހު ފަށަނީ
ދިވެހިރާއްޖޭގައި ތަރައްގީކުރެވޭ ފުރަތަމަ "އިންޓަރެކްޓިވް އިމާސިވް މިއުޒިއަމް"ގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
Advertisement

މި މަސައްކަތްތާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަޤާފަތާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ އިންޓަރެކްޓިވް އިމާސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފަށާނެކަމަށާއި، ޖަނަވަރީ މަހު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، ހެރިޓޭޖުގެ ދާއިރާގެ މަތީ ތައުލީމުގެ ކޯސް ފަށައިގަތުމުގެ ތަމްރީނުތައް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

އަދި އެ ކޯސްތައް އަންނަ ޖެނުއަރީ މަހު އިސްލާމިކް ޔުނިވާސިޓީގައި ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މި ތަރައްގީކުރެވޭ އިމާސިވް މިއުޒިއަމަކީ އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ހުރި ސަރަޙައްދު ހިމެނޭހެން އީޖާދީ ވިސްނުންތަކާ ވަސީލަތްތަކުގެ އެހީގައި ދިވެހި ތާރީހާއި ތަރިކަ ތަޖުރިބާކުރެވޭނެހެން ތަރައްގީކުރާ ތަނެކެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދުވާލާއި ރޭގަނޑުވެސް ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އިންޓަރެކްޓިވް އިމާސިވް މިއުޒިއަމެއް ތަރައްގީކުރުމުގެ މަޝްރޫއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ތަރިކަ އިޔާދަކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްގީކުރުމާއި، ތަރިކަ ދިވެހީންނަށް އޭގެ ހަގީގީ މާނައިގައި ރައްދުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެތެރެއިން ކުރައްވާ މުހިންމު މަސައްކަތެކެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޒަމާންވީ ތަރިކަތައް ހިމާޔަތްކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހއ. އުތީމު، ބާރަށް އަދި ތަކަންދޫ ހިމެނޭހެން "ޣާޒީ ރަދުން" ގެ އާސާރުތައް ދިރުވައި ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް