ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަޅުދަނޑި ހަވާލުކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ.
މި ސަރުކާރުން ވަނީ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި 10،000 ރުފިޔާ އަދި ޑައުންޕޭމަންޓަށް 8،500 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ އަދި ޑައުންޕޭމަންޓަށް 6،000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ލުއިކޮށްދެއްވާފައެވެ. ކުލި ދައްކަން ނުޖެހޭ ތިން މަހުގެ މުއްދަތުގައި ދައްކަން ޖެހޭނީ ހަމައެކަނި މެއިންޓެނަންސް ފީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފްލެޓްތައް ހަވާލުކުރުން ލަސްވެގެން ދިޔައީ ކުރީގެ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތް ހިމަނާފައި ނުވުމުންނެވެ. ނަމަވެސް މި ސަރުކާރުން ހަވާލުވިއިރު 33 ޕަސަންޓު ނިމިފައި އޮތް މަސައްކަތް، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އިތުރު 68 ޕަސަންޓު މަސައްކަތް ނިންމާ، ފްލެޓްތައް ހަވާލުކުރަނީ ފިނިޝިން މަސައްކަތްތައް ވެސް ނިންމުމަށް ފަހުގައެވެ. މިހާތަނަށް 3،879 ފަރާތަކާ އެކު އެއްބަސްވުން ގާއިމްކޮށްފައިވާއިރު، އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ހުރިހާ ފަރާތްތަކަށް ވެސް ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.