ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އުސޫލުގައި ބުނާ ގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބި، އޭނާގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ އެތަނެއް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެ އެވެ.
މީގެ އިތުރުން ދެ ކޮޓަރީގެ ހައުސިން ޔުނިޓެއް ލިބި، 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާ ނަމަ ވެސް އަލުން ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގައި ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެންމެ ގިނަ ބަޔަކު ޝަކުވާ ހުށަހެޅި އެއް ކަމަކީ އެއް ކޮޓަރީގެ ފްލެޓުގައި އުޅެން ދަތިވުމުން އެހެން ފްލެޓަކަށް ކުރިމަތިލެވޭ ގޮތް ވުމެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ނޮވެންބަރު 16 ގައި އިފުތިތާހުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސްކީމަށް އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް ފޯމު ހުށަހެޅޭނެއެވެ.