އެ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން ގޯތި ދޫކުރާނީ މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވަނީ މި އަންނަ އަހަރުގެ ކުރީ ކޮޅަށް ހިއްކައި ނިމެނޭ ކަމަށް ލަފާކޮށްފައިވާ ރަސްމާލެ އިން 25،000 ގޯތި ދޫކުރާއިރު ފުރަތަމަ ދޫކުރާނީ 15،000 ގޯއްޗެވެ.
ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން ގޯތި ދިނުމުގެ ކެޓަގަރީ އެކަކީ މާލޭގެ ރަށްވެހިންނެވެ. އެ ކެޓަގަރީގެ މީހުންނަށް ގްރޭޓާ މާލެ ސަރަހައްދުންނާއި (ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނާއި) ރަސްމާލޭން ވެސް ގޯތި ދޫކުރާނެ އެވެ.
ނަަމަވެސް ކެޓަގަރީ ދޭއްގެ މީހުންނަށް ގޯތި ދޫކުރާނީ ހަމަ އެކަނި ރަސްމާލެއިންނެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ރަސްމާލެ އިން ގޯތި ދިނުމުގައި ފުރަތަމަ ޝަރުތަކީ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައި ވުމެވެ. އަހަރު ގުނާނީ އަންނަ ޖެނުއަރީ މަހުގެ 14 ވަަނަ ދުވަހާ ހަމައަށެވެ.
އެ ކެޓަގަރީގެ މީހުންނަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭފައި މާލޭގައި ދިރިއުޅުނު މުއްދަތާއި މިލްކިއްޔާތުގައި ބިމެއް އޮތުން ނުވަތަ ބަހައިގެން ބިމެއް ލިބެން އޮތުން ހިމެނެ އެވެ.
މާލޭގެ ރަށްވެހިންނަށް ދޫކުރާ ގޯތި ލިބޭނީ އެ އުސޫލުގައިވާ ގޮތުން ގިނަ ޝަރުތުތަކެއް ހަމަވެގެންނެވެ. ފާހަގަކޮށްލެވޭ ޝަރުތުތަކުގެ ތެރޭގައި ގޯއްޗަށް އެދި ހުށަހަޅާ މީހާ އަކީ ރާއްޖޭގެ އެއްވެސް ތަނަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިވާ މީހަކަށް ނުވުމާއި 400 އަކަފޫޓު އޮތް ނަމަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ބައި ދޫކޮށްލަން އެއްބަސްވުން ހިމެނެ އެވެ.
ބަހައިގެން ވާރުތައިން އެވަރުގެ ޖާގައެއް ލިބެން އޮތަސް، އެބައި ދޫކޮށްލަން އެއްބަސްވުމަކީ ވެސް ޝަރުތެކެވެ.
އެއްމެދު ގޯއްޗެއް ބަހައިގެން 400 އަކަފޫޓް ލިބޭ މީހުން ވެސް އެ އުސޫލުގައިވާ ގޮތުން ގޯއްޗަށް އެދެން ޝަރުތު ހަމައެއް ނުވާނެ އެވެ.
މީގެ ކުރިން ގޯއްޗާއި ފްލެޓް ދޫކުރުމުގައި ބެލީ މީހެއްގެ މިލްކިއްޔާތުގައި 600 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އޮތްތޯ އެވެ.
މި އުސޫލު މިހާރު ވަނީސަރުކާރުގައި ގެޒެޓުގައި ސާއިއުކޮށްފައި އެވެ.