އެއާޕޯޓު ކްރައިސިސް މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި އެމްއޭސީއެލް އިން މި އެމްއޯޔޫތަކުގައި ސޮއިކުރީ ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްއެންއޭޓީއެސް) އާ އެކުގައެވެ.
މި އެއްބަސްވުންތަކުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކާތެރި ހާލަތްތަކުގައި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މަސައްކަތްތައް ވިލަރެސްކުރުން އިތުރަށް ހަރުދަނާކުރުމެވެ. މީގެ އިތުރުން، ކޮންމެ އިދާރާއަކުން ވެސް އަދާކުރަންޖެހޭ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި ވަގުތުން ވަގުތަށް މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންނާއި އެމްއެންއޭޓީއެސް އިން ދެމުންދާ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ. މި އެއްބަސްވުންތަކާ އެކު، އެއާޕޯޓުގައި ދިމާވާ ހާދިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.