މިނިސްޓަރު މިކަން ހާމަކުރެއްވީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ކުދިން ގެންގުޅުމަކީ އެ ކުދިންނަށް ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްވުމަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ގިނަ އަދަދެއްގެ ކުދިން އެ ކުދިންގެ އާއިލާތަކާ ނުވަތަ ފޮސްޓާ އާއިލާތަކާ ހަވާލުކުރެވިފައިވާ ކަމަށާއި، އެ ކުދިން ބެލެހެއްޓުމުގެ ކަންކަން އެ އާއިލާތަކުން ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުދިންނާ ހަވާލުވާ އާއިލާތައް އިތުރުވަމުން އަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުދިން މުޖުތަމައަށް ނެރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފ. އަތޮޅުގައި އަމާން ވެއްޓެއް ގާއިމުކޮށްފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން، މިއަހަރު 23 ކުއްޖަކަށް އިންޓާންޝިޕް ފުރުސަތު ހޯދައިދީ، 40 ކުއްޖަކަށް އެކި ކަހަލަ ތަމްރީނުތައް ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.