މިއީ މި އޮޕަރޭޝަނުގައި ޓޯވކުރި އުޅަނދުތަކުގެ ތެރެއިން، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ޝަރުތު ހަމަވެގެން ދޫކުރެވުނު އުޅަނދުތަކެކެވެ.
މި އޮޕަރޭޝަނަކީ ފުލުހުންނާއި ޓްރާންސްޕޯޓު މިނިސްޓްރީ އަދި ހޯމް މިނިސްޓްރީ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މަގުތަކާއި ހުސްބިންތަކުގައި ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތަކުގެ އިތުރުން މާލެ ސަރަހައްދު (އޭ ޒޯން) ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ 787 އުޅަނދެއް މި އޮޕަރޭޝަނުގައި ޓޯވކޮށްފައިވެއެވެ.
ޓޯވކުރެވުނު އުޅަނދުތައް ދޫކުރުމުގެ މަސައްކަތް ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަންގެ ޓްރެފިކް ކައުންޓަރުން ދަނީ ކުރަމުންނެވެ. މި އުޅަނދުތައް ދޫކުރަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ އެ ފައިސާ ދެއްކުމުންނެވެ. މީގެ އިތުރުން، އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ޒޯނަކަށް ގެންދާނެކަން ކަށަވަރުކޮށްދޭ ލިޔެކިޔުން ނުވަތަ ރަޖިސްޓްރީ ނުކުރާ އުޅަނދެއްނަމަ އެ އުޅަނދު ބާއްވާނެ ތަނެއްގެ ހުއްދަ އޮތްކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.