ads
އަދާލަތު ޕާޓީގެ މިހާރުގެ ރައީސް
އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.
Advertisement

އެ ޕަޓީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި އެ މަގާމަށް ވާދަކުރެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އެ ފުރުސަތު ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އެ މަގާމަށް އެންމެ މީހަކު ކުރިމަތިލި ކަމުގައިވީ ނަމަވެސް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. އެކަކަށް ވުރެ ގިނަ މީހުން ވާދަކުރާނަމަ 31 ޖެނުއަރީ 2026 ގައި ރައީސަަކު އިންތިހާބުކުރަން ވޯޓު ނަގާނެ އެވެ. އެ ވޯޓު ނަގާނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ކަމަށް އަދާލަތުން ބުނެ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ވަކި ޝަރުތުތަކެއް އެ ޕާޓީން ވަނީ، ކަނޑައަޅާފައެވެ. މިގޮތުން:

  • މުސްލިމަކު ކަމުގައިވުން.
  • ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ބޭރު ގައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން.
  • ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.
  • ޕާޓީގެ މެންބަރެއް ކަމުގައިވުން.
  • މީލާދީ ސަނަތުން 30 އަހަރު ފުރިފައިވާ މީހަކަށްވުން
  • ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން
  • ހިޔާނަތުގެ މައްސަލައެއް ނުވަތަ ބަދުއަޚުލާގީ މައްސަލައެއް ޝަރީޢަތުން ސާބިތުވެފައިވާ މީހަކަށް ނުވުން
  • ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން ދެ އަހަރު އުޅެ، ޕާޓީގެ އުޞޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކަށްވުން
  • ސަނަދުގެ ފެންވަރު ބަލާ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ގަބޫލުކުރާ ޔުނިވާސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށް، މަދުވެގެން ތިން އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން

މިވަގުތު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުالله އެވެ. އަދާލަތަކީ އެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލިއިރު، މިދިޔަ އޭޕްރީލް 30ގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، ޕާޓީގެ ރައީސްކަމަށް ވާދަ ކުރައްވާނެކަން ހާމަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް