މިކަމާ ގުޅިގެން ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެން ވަނީ ހުޅުމާލޭގެ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ވެރިންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފައެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ބީޗު ސަރަހައްދުގައި ބިކިނީ ލައިގެން މޫދަށް އެރުމާއި، އެފަދަ ހެދުމުގައި އާންމު ތަންތަނުގައި ޓޫރިސްޓުން ހަރަކާތްތެރިވުން އިތުރުވަމުންދާތީ އެކަން ހުއްޓުވުން ކަމަށެވެ. އެގޮތުން ގެސްޓުހައުސްތަކުން ޓޫރިސްޓުންނަށް ރާއްޖޭގެ އާދަކާދައާއި ގަވާއިދުތައް ކިޔައިދިނުމަށް ފުލުހުން ވަނީ އެދިފައެވެ. މީގެ އިތުރުން ބީޗަށް ދާއިރު އަގުބޮޑު ތަކެތި ގެންދިއުމުގައި ސަމާލުވުމަށާއި، މުދަލަށް ރައްކާތެރިވުމަށް އިރުޝާދު ދިނުމަށް ވެސް ފުލުހުން ވަނީ އަންގާފައެވެ.
މިއީ ޓޫރިޒަމްގެ ހައި ސީޒަން ކަމަށް ވާތީ، ބުކިން ހެދުމާއި ފައިސާގެ މުއާމަލާތްތަކުގައި ވެސް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. ވަކިން ހާއްސަކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ސަލާމަތްވުމަށް ދުރާލައި ފިޔަވަޅު އެޅުމަށާއި، ޓޫރިސްޓުންނަށް މިފަދަ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ގެސްޓުހައުސްތަކުގެ ވެރިންނަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.