އެންސްޕާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި ލިބުނު ހިޔާލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކްލިނިކްތަކަށް އާސަންދަ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތަށް ލިޔުންތަކާއި މައުލޫމާތު ފުރިހަމަކޮށް އިއްޔެގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތައް ވީ އެންމެ އަވަހަކަށް ޕްރޮސެސް ކުރަން ފަށާފައިވާ ކަމަށް އެންސްޕާ އިން ބުންޏެވެ.
އެ އިދާރާ އިން ކަނޑައަޅާފައި ވަނީ އެ ކްލިނިކުތަކަށް އަންނަ ޖެނުއަރީ މަހު 31 ގެ ކުރިން އާސަންދައިގެ ހިދުމަތް ފޯރުކޮށްދީ ނިންމާށެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުއިއްޒު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުން ވަނީ ބޭސްފަރުވާގެ ނިޒާމާއި ގުޅޭގޮތުން ގިނަ ޝަކުވާއާ މަޝްވަރާ ރައީސަށް ދެއްވާފަ އެވެ. އެގޮތުން ކުލިނިކްތަކަށް އާސަންދަ ދިނުމަށް ވެސް ރައްޔިތުން ވަނީ އެދިފަ އެވެ.