ޝަހީމް މިހެން ވިދާޅުވީ ކުރީގެ ހައިކޯޓްގެ އިސް ގާޒީ އަދި ކުރީގެ އުއްތަމަ ފަޑިޔާރު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ޑީޑީ) ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ޑީޑީ ގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ހުކުރު ހުތުބާޔަކީ ކޮންމެހެން އެއް މައުލޫއަކަށް ލިޔެގެން ހުރިހައި މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫންކަމަށާއި ހުކުރު ހުތުބާ ދެވޭ ފެންވަރުގެ އިލްމާއި ގާބިލުކަން ލިބިގެންވާ ކޮންމެ މީހަކަށް ހުތުބާ ދިނުމުގެ ހުއްދަ ދިނުމަށް ފަހު އެ މީހަކަށް ފެންނަ، އެއިރެއްގެ ހާލަތާ ގުޅޭ މައުލޫއެއް އިހުތިޔާރުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމުގަ އެވެ.
ހުުތުބާގެ މައުލޫއަކީ އަބަދު މަކާރިމުލް އަހުލާގާ ގުޅިފައިވާ މައުލޫއަކަށް ވާކަށް ނުޖެހޭ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ.
ޝަހީމްގެ އެ ޕޯސްޓަށް ރައްދު ދެއްވާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި އެންމެހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން ކަމަށާއި އަމިއްލައަށް ނުބަލާ ހުތުބާ ދިނުމުގެ ގާބިލްކަން ހުންނަނީ ވަރަށް މަދު އިލްމުވެރިއެއްގެ ގައިގާ ކަމުގަ އެވެ.
ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެ ކަމަށާއި އެ ފަދަ ކަން ކަމަށް ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގައި ހުތުބާ ކަންތަކުގައި އަމަލު ކުރަމުންދަނީ ރާއްޖޭގެ މަސްލަހަތާއި ގުޅޭ ގޮތުން ކަމަށް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ހުތުބާގެ ކަންކަން ކުރިޔަށް ގެން ދަނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިންކަމުގައި އެވެ.
ތަފާތު މައުލޫތަކަށް އެކި މިސްކިތްތަކުގައި އެކި ހުތުބާ ކިޔުމަށް ހުޅުވިފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާއަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ހުތުބާ ކިޔާ ހަމަނުޖެހުން އުފެދިގެން ގޮސްފައިވާ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ.
ރާއްޖޭގައި ޒަމާނުއްސުރެ މިކަން ގާއިމުވެފައިވާ ދިމާލަށް މިއަދު އިސްލާމީ ދުނިޔޭގެ ގައުމުތައް އަމާޒު ހިފާފައިވާ ކަމަށާއި ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ހުތުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅު ގޮތަކަށްކަމަށް ގަބޫލްކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ޕޯސްޓް ނިންމާލަމުން ވިދާޅުވީ ހުތުބާ ސުންނަތާއި އެއްގޮތަށް ކުރުވާން ޖެހޭ ކަމުގައި އެވެ.