ސްޓްރޯކެއް ޖެހިގެން ހާލު ދެރަވުމުގެ ސަބަބުން ނިމާލަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.
ނިމާލް ނިޔާވި ކަމަށް ބުނެ އަޑު ފެތުރިގެން ދިޔައީ ފިލްމީ ދާއިރާގެ މީހަކު ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބެލެވޭއިރު، ހަގީގަތް ނުބަލައި ގިނަ ބަޔަކު ވަނީ އެ ހަބަރު ފަތުރާފައެވެ.
ނަމަވެސް ނިމާލްގެ ދަރިފުޅު ޖުމައިލް ނިމާލް އާއި އާއިލާގެ އެހެން މެމްބަރުން ވަނީ މިކަން ދޮގުކޮށް، މި ދަނޑިވަޅުގައި މިފަދަ ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.
މީގެ ދެ ދުވަސް ކުރިން ސްޓްރޯކެއް ޖެހުނު ނިމާލްގެ އޮޕަރޭޝަނެއް ރޭގެ ވަގުތެއްގައި ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އާއިލާއިން އުންމީދު ކުރަނީ އޮޕަރޭޝަނަށްފަހު ނިމާލްގެ ހާލަތު ރަނގަޅުވެގެން ދިއުމަށެވެ. އެހެންކަމުން ދޮގު ވާހަކަތައް ފެތުރުމުގެ ބަދަލުގައި، ނިމާލަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ހެޔޮ ދުއާ ކޮށްދިނުމަށް އާއިލާއިން ވަނީ އިލްތިމާސްކޮށްފައެވެ.