އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިއަހަރު ނިމޭ އިރު ރިޒާވްގައި 849 މިލިއަން ޑޮލަރު ހުންނާނެ އެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ނިމުނު އިރު ރިޒާވް ގައި ހުރީ 674 މިލިއަން ޑޮލަރެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުން ރިޒާވް އަށް މިހާ ބޮޑު ކުރިއެރުމެއެއް އައިސްފައިވަނީ ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް ޑޮލަރު މާރުކުރާ ވަރު އިތުރުވުމާއި ކަރެންސީ ސްވޮޕް ފެސިލިޓީގެ ސަބަބުންނެވެ. އެ އިދާރާއިން ފާހަގަ ކުރި ގޮތުގައި މިދިޔަ އަހަރު ބޭރު ފައިސާގެ ގާނޫނުގެ އިތުރުން، މީރާއަށް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވި ކަމަށެވެ.
އަންނަ އަހަރު އޭޕްރީލްގައި ދައްކަންޖެހޭ ސުކޫކަށް ބޭނުންވާ ފައިސާ ހޯދުމަށް ރީފައިނޭންސް ކުރަން ނިންމާފައިވާ އިރު، އެ ފައިސާއާ އެކު ވެސް ރާއްޖެއަށް ވަންނަ ޑޮލަރު ކުރު މުއްދަތަކަށް އިތުރުވެގެންދާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެ އެވެ.
ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް އިންތިހާއަށް ބަރޯސާވެފައިވާ އިރު، ބޭރުގެ އިގްތިސާދީ ހަރަކާތްތަކާއި ނިންމުންތަކުގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ޔޫއެސް ޓްރޭޑް ޕޮލިސީއާ އެކު އިންވެސްޓްމެންޓްތަކަށް އަސަރު ކުރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.
އަދި ފިސްކަލް ހާލަތު ރަނގަޅު ނުވުމުގެ ސަބަބުން، މާލީ ގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.