ads
ޝަކުވާ
ޝަކުވާ
ސުނާނާ ވެސް ނަވްޔާއާ ދޭތެރޭގައި ކަންތައް ކުރަމުން ދިޔައީ ކޮއްކޮއަކަށް ކަންތައް ކޮށްދޭ ފަދައަކުންނެވެ. ސިއްޙަތަށް ރަނގަޅު އެއްޗެހި ކައްކައިދީ، ވިހަންވާ އިރަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެދިނެވެ. އެ ދުވަސްތަކުގެ ތެރޭގައި މިޝާމެންނާ އާމިރުގެ ކުދިންނާ ވެސް ގުޅުން ބަދަހިވިއެވެ.
Advertisement

40 ވަނަ ބައި (ޝަކުވާ)

ޑީ.އެން.އޭގެ ޓެސްޓުގެ ނަތީޖާ އަތަށް އެރުމާ އެކު އާމިރުގެ އަތްފައި ފިނިވިއެވެ. ސިޓީއުރައިން ރިޕޯޓް ނަގާ ކިޔައިލުމާ އެކު އާމިރަށް މޫނުގައި އަތްއަޅައިލެވުނެވެ. ޖެހިގެން އިން ސޯފާގައި އިން އަމީނާ ކަންބޮޑުވީ އާމިރު ރޮނީހެން ހީވެގެންނެވެ. 

"އާމިރު، ކިހިނެއްވީ؟"

"މަންމާ.. އަޚްތަރު.. އަޚްތަރު"

އަމީނާއަށް މޭގައި އަތް އަޅައިލެވުނެވެ. ކުއްލިއަކަށް އަޚްތަރުގެ މަތިން ހަނދާންކޮށްފައި އާމިރު ރޯންވީ ސަބަބެއް އަމީނާއަކަށް ނުވިސްނުނެވެ.

"މަންމާ.. ނަވްޔާ އެއީ އަޚްތަރުގެ ދަރިފުޅު."

ރޮމުން އާމިރު ބުންޏެވެ. ވާނުވާ ނޭނގިފައި އަމީނާ އިނެވެ. އާމިރަށް ވާހަކަދެއްކޭ ވަރުވީ އިރުކޮޅެއްގެ ފަހުންނެވެ. އަޚްތަރުގެ ފޮޓޯއާއި ނަވްޔާގެ ހުރިހާ ވާހަކައެއް ކިޔައިދިނުމަށް ފަހު ޑީއެންއޭ ރިޕޯޓުގެ ވާހަކަ ވެސް ބުންޏެވެ. އަމީނާގެ ސާމްޕަލްއާއި އާމިރުގެ ސާމްޕަލްއާ ވެސް ނަވްޔާގެ ޑީއެންއޭ ދިމާވެއެވެ.

ލޯބިވާ ދަރިފުޅުގެ ނިޝާނެއް ދުނިޔޭގައި ހުރިކަން އެނގުމާ އެކު އަމީނާއަށް ވެސް ވީ އާމިރަށް ވީ ވަރެވެ. އަމީނާމެންނާ ހަމައަށް އެ ދަރިފުޅު އަންނަން މިންވަރު ކުރެއްވި ކަމަށް ޓަކައި ހިތާހިތާ ޝުކުރު ކުރަމުން ރުޔެވެ.

***********

މީހުންތައް މަދުވެލުމުން ނަވްޔާ ނުކުތީ ރެސްޓޯރެންޓްގެ ހިޔާނުކޮށް އޮތްބަޔަށެވެ. ފަހުދާ ވާހަކަ ދައްކަން އާމިރު އިނުމުން ނަވްޔާ ހުރީ ގެއަށް ނުދެވިފައެވެ. ރެސްޓޯރެންޓް ހުރީ ދިހަބުރީގެ އިމާރާތެއްގެ އެންމެ މަތީބައިގައެވެ. ރެއިލިންގް ކައިރީގައި ހުއްޓިލައިފައި ނަވްޔާ ބޭރު ބަލައިލިއެވެ. ރޭގަނޑުގެ އެ ލަސް ގަޑީގައި ވެސް ގިނަ އިމާރާތްތަކުގައި އަލިކަން ވިއެވެ. މަގުމަތިން މީހުން ކޮންމެވެސް ވަރަކަށް މަދުވެލި ނަމަވެސް އަދިވެސް ދެ ކޮޅަށް ދުއްވާ އެއްޗެހި ފެންނަމުން ދިޔައެވެ.

"ނަވްޔާ." ފަހަތުން އިމާޒުގެ އަޑު އިވުނެވެ.

އެހާ ކައިރިން އިމާޒު ފެނުމުން ނަވްޔާގެ ނޭވާ ތާށިވި ކަހަލައެވެ.

"ޕްލީޒް ނުދައްޗޭ." ނަވްޔާ ދާން އުޅެން ފެށުމުން އިމާޒު ބުންޏެވެ.

"ނަވްޔާ، އަހަރެންނަށް ކަމެއް ކޮށްދީފާނަންތަ؟" އިމާޒު އެހިއެވެ.

"އެންމެ ފަހަރަކު ނަމަވެސް އަހަރެމެންގެ ގެއަށް ހިނގާބަލަ. މަންމައާއި ބައްޕަ ނަވްޔާ ދުށުމަށް އެދޭ. ނަވްޔާއަށް ކިޔައިދޭން ބޭނުން ބައިވަރު ވާހަކަ އެބަހުރި."

"ތި ގެއަށް އަހަރެން ދާން ޖެހޭ ސަބަބެއް ނޯންނާނެ. ތިޔަ އާއިލާއިން އަހަރެންނަށް ކޮށްދިން ކަންތަކަށް އަހަރެން ޝުކުރުވެރިވަން. ޔަތީމުވި ދުވަހު ބޯ ހިޔާވާނެ ފުރާޅަކާއި ބަނޑުފުރާ ކާން ލިބުނީ ބޮޑުބެގެ ހެޔޮކަމުން. އަހަރެން ދުވަހަކު ވެސް އެ ހެޔޮކަމެއް ހަނދާން ނައްތައެއް ނުލާނަން. އެކަމަކު މިއަދު އެ މީހުންގެ ކުރިމައްޗަށް ދާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ އެ ހިތްވަރެއް ނެތް." ނަވްޔާ ބުންޏެވެ.

"ނަވްޔާ. ޕްލީޒް އެންމެ ފަހަރަކު."

"ހެޔޮނުވާނެ، އިމާޒު. ހަމަޖެހިލައިގެން އަހަރެން ދިރިއުޅަނަ ދީ. އަހަރެންގެ ފަހަތުން ނޫޅޭ." ނަވްޔާ ފެންކަޅިވިއެވެ.

އިމާޒަށް ހުއްޓުން އެރީ އެ ޖުމްލަ އަޑުއިވިފައެވެ. އެއީ ރަށުގައި ވެސް މީގެ އެތަކެއް އަހަރު ކުރިން ނަވްޔާ ބުނި ޖުމްލައެވެ. ފުރުޞަތުގެ ބޭނުން ހިފައިގެން ނަވްޔާ އަވަސްއަވަހަށް އެތަނުން ދުރަށް ދިޔައެވެ. ނަސީބަކުން އޭރު އާމިރު ގެއަށް ދާން ވެގެން ނަވްޔާ ހޯދަނީއެވެ.

ގެއަށް އައިސް އެއްޗެހި ބަދަލުކޮށްލައި ހަދައިގެން ނަވްޔާ ދިޔައީ ކުދިންގެ ކޮޓަރިއަށެވެ. ރީތިކޮށް ނިދާލައިފައި އޮތް މާކިންގެ ނިތުގައި ބޮސް ދިނުމަށް ފަހު އަކްޔަންގެ ކައިރިއަށް ދިޔައެވެ. އެއްފަރާތްވެފައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލާފައި ތެދުވަން އުޅެނިކޮށް އަކްޔަންއަށް ހޭލެވުނެވެ.

"މަންމީ، ސްޓޭ." ނިދި އަޑަކުން އަކްޔަން ބުންޏެވެ.

އަކްޔަންގެ އެނދުގައި އޮށޯވެލުމާ އެކު އަކްޔަންގެ ތުއްތު އަތުން ނަވްޔާގެ ކަރުގައި ބައްދައިލިއެވެ. ސިކުނޑިއަށް ވެރިވެފައިވީ ނުތަނަވަސްކަން އަކްޔަންގެ އެ ހަރަކާތުން ކޮންމެވެސް ވަރަކަށް ލުއިވިއެވެ. އަކްޔަންގެ ބުރަކަށީގައި ފިރުމައިލަމުން ނަވްޔާ ލޯ މަރައިލިއެވެ. އެ ތުއްތު ފުރާނަ ނަވްޔާގެ ޙަޔާތަށް އައީ ހީވެސް ނުކުރާ ކަހަލަ އުފާވެރިކަމެއް ލިބުނު ދުވަހަކުއެވެ.

**********

ބުނަން ނޭނގޭ ކަހަލަ އުނދަގޫތަކެއް ނަވްޔާއަށް ވަމުން ދިޔަ ދުވަހެކެވެ. އޭރު ނަވްޔާ ވިހަން ބުނެފައި އޮތް ދުވަސް އޮތީ ނުހަނު ކައިރީގައެވެ. ބައެއްފަހަރު ބަނޑުގައި ރިއްސަނީހެން ވެސް ހީވެއެވެ. އަނެއްބައި ފަހަރު ރިއްސަނީ އުނަގަނޑުގައި ހެން ވެސް ހީވެއެވެ. ހޮނޑުލަވާހެން ވެސް ހީވެއެވެ. އޮށޯވެގެން އޮންނަން ވެސް އުނދަގޫ ވެގެން ނަވްޔާ ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. އެ ވަގުތު ޓަކި ޖަހާލައިފައި ސުނާނާ ބޯ ދިއްކޮށްލިއެވެ. އަދި އާމިރާއި އަމީނާ، ނަވްޔާއާ ވާހަކަދައްކައިލަން ބޭނުންވެގެން އައިސް ތިބި ވާހަކަ ބުންޏެވެ. ނަވްޔާގެ ހިތް ތެޅެން ފެށިއެވެ. އާމިރުއާއި އާމިރުގެ އާއިލާގެ ހެޔޮކަމަށް ނަވްޔާގެ ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. އެ މީހުންގެ އެހީތެރިކަން ނުލިބުނު ނަމަ ނަވްޔާމެން މިހާރު އުޅޭނެ ހާލެއް ވެސް ނޭނގެއެވެ. ނަމަވެސް އާމިރުގެ ސަމާލުކަން އެންމެ ފުރަތަމަ ދުވަހުން ސުރެ ނަވްޔާއަށް ހުއްޓުނީ ކީއްވެކަން ނޭނގޭތީ އެ ކަމާ ނަވްޔާއަށް ވިސްނެއެވެ. އާމިރުގެ އެހީތެރިކަމުގެ ފަހަތުގައި އޮތް ސިއްރު ހާމަކުރަން އުޅޭހެން ހީވެ ކަންބޮޑުވިއެވެ.

ނަވްޔާ ހުއްދަ ދިނުމުން ސުނާނާގެ ފަހަތުން އަމީނާއާއި އާމިރު ވަނެވެ. ކޮޓަރީގައި ހުރި ސޯފާގައި އެ މީހުން އިށީނުމުން ނަވްޔާ ވެސް އައިސް އެ މީހުންގެ ކައިރީގައި އިށީނީ އެ މީހުން އެ ގޮތަށް އެދުމުންނެވެ. ނުގޮތަކަށް އިށީނދެގެން އިން ނަވްޔާގެ ބޮލުގައި ފިރުމައިލުމާ އެކު އަމީނާއަށް ރޮވިއްޖެއެވެ. ވާނުވާ ނޭނގިފައި ނަވްޔާ އިންދާ އާމިރު ދިއްކޮށްލީ ފޮޓޯގަނޑެކެވެ. އެ ފޮޓޯގައި ހުރި ނިހާޔާ ފެނުމުން ނަވްޔާގެ ނޭވާ ތާށިވި ކަހަލައެވެ. ނަވްޔާ އަތުގައި ވެސް ނިހާޔާ އެ ހެދުން ލައިގެން ނަގާފައި ހުރި ފޮޓޯއެއް އޮވެއެވެ. ނަމަވެސް އާމިރު ދިން ފޮޓޯގައިވާ ފިރިހެންމީހާ ނަވްޔާ ދުށީ އަލަށެވެ. ރަނގަޅަށް ވިސްނައިލުމުން އެއީ އާމިރު ޒުވާންއިރުގެ ފޮޓޯއެއް ހެން ވެސް ހީވިއެވެ.

"މަންމަ؟" ނަވްޔާއަށް ބުނެލެވުނެވެ.

ސުވާލުގެ ނަޒަރަކުން ނަވްޔާ ބަލައިލި އިރު އާމިރު ފެންކަޅިވެފައި އިންތަން ފެނުނެވެ.

"ހޫނ، ތިއީ ނަވްޔާގެ މަންމަ. ދެން ތިހިރީ އަހަރެންގެ ކޮއްކޮ އަޚްތަރު. ނަވްޔާގެ ބައްޕަ." އާމިރު ބުންޏެވެ.

ނަވްޔާގެ ހައިރާންކަން ވީ އިތުރެވެ. ހުރިހާ ވާހަކައެއް ނަވްޔާއަށް އާމިރު ކިޔައިދިނެވެ. އަދި ޑީއެންއޭ ރޕޯޓުތައް ދެއްކިއެވެ. އާމިރު ހުރިހާ ވާހަކައެއް ދައްކާ ނިމުމުން ވެސް ނަވްޔާ އިނީ ގަބޫލު ނުކުރެވިފައެވެ. ބައްޕައާ ބެހޭ ގޮތުން މާ ގިނަ ވާހަކައެއް މަންމަ ދައްކާފައެއް ނެތެވެ. އެކަމަކު ވެސް ބައްޕަދެކެ މަންމަ ވަރަށް ލޯބިވިކަން ނަވްޔާ ހަނދާން ހުރެއެވެ. ބައްޕަގެ ވާހަކަ އަހާ އިރަށް ނިހާޔާގެ ލޮލުން ފޭދޭ ކަރުނަ އެ ކަމަށް ހެކިދެއެވެ. އުފާވާން ވެސް ނޭނގިގައި ނަވްޔާ އިނެވެ. ނަމަވެސް އަމީނާ ރޮމުން ނަވްޔާ ގެނެސް ގަޔާ ކައިރިކޮށްލާފައި ބައްދާލުމުން ނަވްޔާއަށް ވެސް ރޮވުނެވެ. ދުވަސްގަނޑަކަށް ފަހު މައިވަންތަކަމުގެ ކުލުނު އިހުސާސް ކުރެވިފައެވެ. ނަވްޔާގެ ބަނޑުގައި ރިއްސަން ފެށީ އެހެން އިންދައެވެ.

***********

"ލޯބިލޯބި ފުށްގަނޑެއް މި އޮތީ." ބޭބީ ނަގާ އުރައިލަމުން ސުނާނާ ބުންޏެވެ.

"ކޮއްކޮ އުރާލަން ބޭނުމީ ކޮން ކުއްޖެއް؟"

އެ ވަގުތު ހޮސްޕިޓަލަށް ހުރިހާ ކުދިން އައިސް ތިއްބެވެ. މާކިންއާ މިޝާގެ އިތުރުން އާމިރުގެ ކުދިންނެވެ. ފަހަރަކު ކުއްޖަކަށް ބޭބީ އުރައިލަން ދޭތަން ބަލަން ހިނި އައިސްފައި ނަވްޔާ އޮތެވެ. އެ ވަގުތު އަމީނާއާއި އާމިރު ވަނެވެ. އަމީނާ އައީ ނަވްޔާއަށް ކެވޭނެ ހެން ގެއިން ކާ އެއްޗެހި ތައްޔާރުކޮށްގެންނެވެ.

"ބޭބީ ވައްތަރީ ދޮންބެއާ ދޯ." ސުނާނާ ކައިރިއަށް ޖެހިލާފައި ބޭބީގެ ކޮލުގައި ކޮއްޓައިލަމުން އާމިރު ބުންޏެވެ.

އެންމެންގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި އަޅާލުން ފެނިފައި ނަވްޔާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. ހަކީމުގެ ރަށުގައި އަޅާލާނެ މީހަކު ނެތި އުޅެމުން ދިޔައީ މީގެ ދުވަސް ކޮޅެއްގެ ކުރިންނެވެ. ނަމަވެސް މިއަދު މާތްﷲގެ ކުޅަދުންވަންތަކަމުން ލޯބިވާ އާއިލާއެއް ލިބި ނަވްޔާގެ ދިރިއުޅުމުގެ އަނދިރި ސަފުހާތަކަށް ނިމުމެއް އަތުވެއްޖެކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. 

ނަވްޔާ ވިހައިގެން ދުވަސްކޮޅެއް ވީތަނުން ހަކީމަށް ހުކުމު ކުރެވުނެވެ. އާމިރު އެހުމުން ނަވްޔާގެ ކައިވެނި ހަކީމުއާ ކުރެވުނު ގޮތާއި އަކްޔަންގެ ހަގީގަތް އާމިރުމެންނަށް ނަވްޔާ ކިޔައިދިނެވެ. އާމިރުގެ ބާރު އެޅުމުގެ ސަބަބުން ހަކީމު މާ ބޮޑު ދެކޮޅު ހެދުމެއް ނެތި ނަވްޔާ ވަރިކުރިއެވެ. އަދި މިޝާއާއި މާކިންގެ ގާނޫނީ ބެލެނިވެރިކަން ވެސް ނަވްޔާއަށް ދިނެވެ. އާމިރު ފެންނަ ކޮންމެ ފަހަރަކު ނަވްޔާގެ ބައްޕަ ދުނިޔޭގައި ހުރި ނަމަވެސް ހުންނާނީ އެހެންނޭ ހިތަށް އަރައެވެ. ނަވްޔާއާއި އާމިރާ ދޭތެރޭގައި އޮންނަނީ ޚާއްސަ ގުޅުމެކެވެ. 

އެ ދުވަސްކޮޅު ސުނާނާގެ މަންމަ ބަލިވެގެން އާއިލާ އެއްކޮށް މެލޭޝިޔާއަށް ބަދަލުވި އިރު ނަވްޔާމެން ވެސް ދިޔައެވެ. އަމީނާއާއި ނަވްޔާމެން މާލެ ބަދަލުވީ މީގެ ދެއަހަރެއް ހާ ދުވަސް ކުރިން ނަވްޔާ ކިޔަވައި ނިމުމުންނެވެ. އާމިރުމެން މެލޭޝިޔާގައި މަޑުކުރީއެވެ.

************

ފަތިހު ހޭލައިގެން ނަވްޔާ ކޮޓަރިއަށް ދިޔައިރު އިމާޒުގެ ދެ ތިން ހަތަރު މިސް ކޯލް އޮތެވެ. މީގެ ކުރިން ވެސް އިމާޒު ގުޅައެވެ. އެކަމަކު އޮފީހުގެ ވާހަކައެއް ނޫން އެހެން ވާހަކައެއް ފަށައިފިއްޔާ ނަވްޔާ ފޯނު ބާއްވަނީއެވެ. އިމާޒާ ކުރިމަތިނުލާ، ޗުއްޓީ އިތުރުކޮށްގެން އަދި ދުވަސްކޮޅަކު އުޅެވިދާނެއޭ ހިތަށް އަރާފައި ނަވްޔާ ހިތްހަމަޖައްސައިލިއެވެ.

އަކްޔަން ކިޔާވަރުން ހަވީރު ކުދިވެރިން ގޮވައިގެން ނަވްޔާ ދިޔައީ ޕާކަށެވެ. ރާފިލްއާއި މާކިން، އަކްޔަން ގޮވައިގެން ކުޅެން ދިޔުމުން އެތާ ހުރި ގޮނޑިއެއްގައި ނަވްޔާ އިށީނެވެ. އިރުކޮޅަކުން މިޝާއާއި ރައިނީ ޕޮޕްކޯން ގަނެގެން ނަވްޔާގެ ކައިރިއަށް އައެވެ. ނަވްޔާމެން ޕޮޕްކޯން ކާ ތަން ފެނިގެން އެހެން ކުދިންނަކަށް ވެސް ދުރުގައި ނުތިބެވުނެވެ.

"މަންމީ ދީބަލަ އަކޫއަށް ވަން ބޭގް." އަކްޔަން އެދުނެވެ.

"ކީއްކުރަން؟ އަކޫ ވެސް އާދޭ މިތަނަށް ކާން." ނަވްޔާ ބުންޏެވެ.

"އަކޫ ބޭނުން ޝެއަރ ކުރަން."

ހިނިތުންވެލަމުން ނަވްޔާ އެއް ކޮތަޅު އަކްޔަންގެ އަތަށް ދިނެވެ. ނަވްޔާ ހީކުރީ ޕޮޕްކޯން ކޮތަޅު އަތުލީ އަކްޔަންގެ ރައްޓެހި ކުއްޖަކަށް ދޭން ކަމަށެވެ. ނަމަވެސް އަކްޔަން ގޮސް ހުއްޓުނީ އިށީނދެގެން އިން ހިމަތޮޅި އަންހެނެއްގެ ކައިރިއަށެވެ. އެ މީހާގެ މޫނެއް ނަވްޔާއަކަށް ނުފެނެއެވެ. އިސްތަށިގަނޑު ވޫލްކޮޅަކުން މައްޗަށް އައްސާލައިފައިވާ އިރު ކޮނޑާހަމައަށް އަަރައެވެ. އަކްޔަން ހީނހީނފައި އެ މީހާއާ ވާހަކަ ދައްކަން ފެށުމުން އެއީ ކާކުތޯ ބަލަން ނަވްޔާ ބޭނުންވިއެވެ.

"މަންމީ ބަލާ މިއީ އަކޫގެ ފްރެންޑް ދައްތައެއް." ނަވްޔާ ކައިރިއަށް ދިޔުމުން އަކްޔަން ބުންޏެވެ.

އެ ވަގުތު އެ އަންހެންމީހާ ފަހަތަށް އެނބުރުނެވެ. އެކަކު އަނެކަކަށް ފެނުމުން ލިބުނު ހައިރާންކަމާ އެކު ހުއްޓުން އަރާފައި އިރުކޮޅަކު ދެ މީހުންނަށް ވެސް ތިބެވުނެވެ.

"އަޒްކޮ" ނަވްޔާއަށް ހިތާހިތާ ބުނެލެވުނެވެ.

"ނަވް!" އަޒްކާ ބުންޏެވެ.

އަޒްކާގެ ކަރުނައިން ފުރެމުންދިޔަ ދެ ލޮލަށް ބަލަން ނަވްޔާއަށް އުނދަގޫވިއެވެ. ހުދު ތިމާގެ ލޯ ފުރިގެން އަންނަކަން އެނގުމުން އެތާގައި ނުހުރެ ވީހާ ވެސް އަވަހަކަށް ދާން ނަވްޔާ ބޭނުންވިއެވެ.

"އަކޫ، ހިނގާ ދާން." ނަވްޔާ އަކްޔަންގެ އަތުގައި ހިފިއެވެ.

"ނޯ. އަދި އަކޫ ކުޅެލަން ބޭނުން."

ނަވްޔާގެ އަތް ފޮޅުވާލައިފައި އަކްޔަން ދުއްވައިގަތުމުން ނަވްޔާ ފަހަތުން ދާން އުޅުނެވެ.

"ނަވް މަޑުކޮށްބަލަ." އަޒްކާ ބުންޏެވެ.

ނަމަވެސް ނަވްޔާ މަޑުނުކޮށް ހިނގައިގަތީއެވެ.

"ނަވްގެ ދަރިފުޅު ވަރަށް ލޯބި. އެކަމަކު ވައްތަރީ ހަމަ ބައްޕައާ. ހައްޔާންއާ."

ނަވްޔާގެ މެއަށް ހީވީ ފެން އެއްޗެއް އަޅައިލިހެންނެވެ. އަޅައަޅާ ހުރި ފިޔަވަޅު ވަގުތުން ހުއްޓުނެވެ. ލިބުނު ސިހުމާ އެކު އަޒްކާއާ ދިމާއަށް ބަލައިލެވުނު އިރު ދެ ލޯ ބޮޑުވެއްޖެއެވެ.

"ނަވް ހީ ކުރީ އަހަރެންނަށް ނޭނގޭނެ ކަމަށްތަ؟ މަންމަ ހުރިހާ ވާހަކައެއް ވެސް ކިޔައިދިން. އެކަމަކު އޭރު ވަގުތު ފާއިތު ވެއްޖެ. ނަވްއަށް މަންމަ ދިން އަނިޔާގެ ބަދަލު އަހަރެންނަށް ލިބިއްޖެ."

އަޒްކާއާ ދިމާއަށް ފުން ނަޒަރަކުން ނަވްޔާ ބަލައިލިއެވެ. އަޒްކާގެ މިލާފައިވާ މޫނުމައްޗާއި ހިކި އަނަރޫފަވެފައިވާ ހަށިގަނޑު ނަވްޔާގެ ސަމާލުކަމަށް އައީ އެ ވަގުތުއެވެ. އެތައް ހާސް ސުވާލުތަކެއް ނަވްޔާގެ ސކުނޑިއަށް ވެރިވިއެވެ. ބަސް ހުއްޓިފައި ހުރި އިރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ނަވްޔާގެ މޫނުމަތީގައިވި ހައިރާންކަމުގެ އަސްލު އަޒްކާ ދެނެގަތެވެ.

"ހުރިހާ ވާހަކައެއް ވެސް ކިޔައި ދޭނަން. ހިނގާބަލަ އަހަރެމެންގެ ގެއަށް. މިތަނާ ވަރަށް ކައިރީގައި ހުންނާނީ." ނަވްޔާގެ އަތުގައި އަޒްކާ ހިފިއެވެ.

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް