ޖުވާ ކުޅުމަކީ ޖިނާއީ ކުށަކަށް ހަދައި، ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ގަފޫރު ވިދާޅުވީ، ޖުވާކުޅުން އެއީ މަނާކުރަންޖެހޭ ކަމެއް ކަމަށާއި އެންމެން ވެސް އެ ކަމަށް ތާއީދުކުރާނެ ކަމަށެވެ. އެ ކަމާ އެމްޑީޕީން ވެސް ދެކޮޅު ނޫން ކަމަށާއި މައްސަލައަކީ ދައްކާ ވާހަކައާއި މަންޒަރާ ދިމާނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވީ، މުޅި ގައުމުން މިއަދު ފެންނަނީ ވައްކަމާއި ފޭރުމާއި ރައްޔިތުންނަށް އަނިޔާކުރުން ކަމަށެވެ. ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މެދުގައި އޮތް ހަމަޖެހުން ގެއްލުވާލައި، ދައުލަތް ބޭނުންކޮށްގެން ކޮރަޕްޝަން ހިންގާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފަ އެވެ.
އެ ގޮތުން، މި ގާނޫނުގެ ބޭނުމަކީ ވެސް ވޯޓު ހޯދުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އޭނާ ވިދާޅުވީ، ދައުލަތުން '"ހެސްކިޔާފައި" ވައްކަން ކުރި މީހުން މަގުމަތީގައި ހަމަ އެ ތިބަ އުޅެނީ ކަމަށާއި އެއީ ގައުމެއްގެ ހައިސިއްޔަތުން ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ކަންކަމާ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.