އޮޑިޓު އޮފީހުން މިއަދު އާއްމުކުރި، ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނީ ސިއްހީ ހިދުމަތް ދިނުމާއި ބޭސްފަރުވާ އަށް ދައުލަތުން ކުރާ ހަރަދާއި އާސަންދަ ސްކީމުން ކުރާ ހަރަދާއި ސްކީމުގެ ބޭރުން ކުރާ ހަރަދަށް 2019 އިން ފެށިގެން 2024 ގެ ނިޔަލަށް ޖުމްލަ 35.8 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
އެއީ އެވްރެޖުކޮށް، އަހަރަކަށް 5.9 ބިލިއަން ރުފިޔާ އެވެ.
ރިޕޯޓުގައި ބުނީ ހޮސްޕިޓަލްތަކަށް ކުރާ ހޭދަ ފިޔަވައި ދައުލަތުގެ ބަޖެޓުން ދެން އެންމެ ބޮޑު ހޭދައެއް ކުރަނީ އާސަންދަ ސްކީމަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އާސަންދަ ސްކީމަށް 16 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އާސަންދަ ސްކީމުން އެންމެ ބޮޑު ހަރަދެއް ކުރަނީ ޑޮކްޓަރީ ބޭހަށްކަމަށާއި އަހަރަކަށް އެވްރެޖުކޮށް 924.8 މިލިއަން ރުފިޔާ ހަރަދުކުރޭ ކަމުގައި އެވެ.
މީގެ އިތުރުން އަމިއްލަ ހޮސްޕިޓަލްތަކަށް ފަސް އަހަރުގެ ތެރޭގައި 3.1 ބިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު އެ މުއްދަތުގައި 83 ކްލިނިކާއި ދެ ހޮސްޕޓަލް އާސަންދައިގައި އެމްޕެނަލް ވެފައިވާ ކަމަށާއި ކްލިނިކްތަކަށް 779،809،306ރ. ހަރަދުކުރި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ވަނީ އާސަންދަ އިތުރަށް ހަރުދަނާ ކުރުމަށް ބައެއް ލަފާތައް ދީފައިވެ އެވެ.
އެ ގޮތުން ބޭހަށް ކުރާ ހޭދަ ކުޑަކުރުން އެމްއާރުޕީ ތަންފީޒުކުރުން، ފަރުވާ ހޯދާ މީހުންގެ ފަރުދީ ޒިންމާ އިތުރުކޮށް، ހަރަދު ކުޑަކުރަން ރާއްޖެ އިން ބޭރުން ހޯދާ ފަރުވާއަށް ކޯ-ޕޭމަންޓު ސިސްޓަމެއް ތައާރަފްކުރުން، ދައުލަތުގެ އެހީ ބޭނުންވާ މީހުންނަށް އަމާޒުކޮށް ޓާގެޓެޑް ސަބްސިޑީ ތައާރަފްކޮށް، މެޑިކަލް ވެލްފެއާ ބަދަލުތައް ގެނައުން އަދި ގިނަ މީހުން ފަރުވާ ހޯދާ ސްޕެޝަލިޓީތަކާ ގުޅޭ ދިރާސާތައްކޮށް، ބަލިތައް އިތުރުވާ ސަބަބުތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާން ވަނީ ލަފާދީފަ އެވެ.