އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވާލަނީ މި މަހުގެ 17ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން އީސީން މިއަދު ވަނީ ޕޯޓަލް އާއްމުކޮށްފަ އެވެ.
އީސީން ބުނީ ފޯމު ހުށަހަޅަން ޖެހޭ ތާރީހުގެ ކުރިން ޕޯޓަލް ހުޅުވާލުމުން، ޕޯޓަލްއަށް އަހުލުވެރި ވާން ވަގުތު ލިބޭނެ ކަމަށެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މައި ޕޯޓަލް my.elections.gov.mv އަށް ލޮގިންވާނީ އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ހައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިހުތިޔާރުކޮށްފިނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ އެވެ. ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލްއިންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އަމިއްލަގޮތުން ކުރިމަތިލާނަމަ، ކުރިމަތިލާ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ، މަދުވެގެން 50 މީހުންގެ ތާއީދު ހޯދަންޖެހެ އެވެ.
އީސީ އިން ބުނި ގޮތުގައި އިންތިހާބަށް ކުރިމަތިލާ ފަރާތުން އެ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މޯބައިލް ނަންބަރު ޖަހައި ހުށަހެޅުމުން، ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތަށް އެސްއެމްއެސްގެ ޒަރިއްޔާއިން އެކަން އެންގޭނެ އެވެ. އަދި ތާއީދު ދިނުމުގެ ރިކުއެސްޓްތައް ޤަބޫލުކުރުން ނުވަތަ ނުކުރުން ކަނޑައަޅާނީ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިން ކަމަށް އީސީން ވަނީ ބުނެފަ އެވެ.
އީސީން އިތުރަށް ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ކެނޑިޑޭޓުން 50 މީހުންގެ ތާއީދު ހޯދަން ނުޖެހޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އަންނަ 4 އޭޕްރީލްގަ އެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް އެ ދުވަހު ނެގުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.