ސޭޑީ ބުނި ގޮތުގައި މި ސީރީޒްގެ މައި ކެރެކްޓަރު ކަމަށްވާ "އިލެވަން" ދުނިޔޭގައި ހުރިކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. އޭގެ ބަދަލުގައި، ސޭޑީ ދެކޭގޮތުގައި ސީރީޒްގެ ނިމުމަކީ އިލެވަންގެ މަރެވެ.
މި ވާހަކަ ދެކެވެން ފެށީ ސީރީޒްގެ ވާހަކަ ނިމިގެންދާ ގޮތާއި މެދު އުފެދިފައިވާ ސުވާލުތަކާ ގުޅިގެންނެވެ. ސީރީޒް ނިމުނުއިރު ކަންތައް ވެފައިވާ ގޮތުން، ގިނަ ބަޔަކު ގަބޫލުކުރަނީ އަމިއްލަ ރަށާއި ރައްޓެހިން ސަލާމަތް ކުރުމަށްޓަކައި އިލެވަން އޭނާގެ ފުރާނަ ގުރުބާން ކުރީ ކަމަށެވެ. ނަމަވެސް ސީރީޒްގެ އަނެއް މުހިންމު ކެރެކްޓަރު ކަމަށްވާ މައިކް، މުޅިން ތަފާތު ވާހަކައެއް ދައްކައެވެ. މައިކް ގަބޫލުކުރާ ގޮތުގައި އިލެވަން މަރުނުވާ ކަމަށާއި، އޭނާ ވަނީ ސަލާމަތްވެގެން ފިލާފައެވެ.
މިކަމާ ގުޅޭގޮތުން މަޝްހޫރު ޓޯކް ޝޯ، "ދަ ޓުނައިޓް ޝޯ ވިތު ޖިމީ ފެލަން" ގައި ވާހަކަ ދައްކަމުން ސޭޑީ ބުނީ މައިކް ދައްކަނީ ހަގީގަތެއް ނޫން ކަމަށެވެ. ސޭޑީ ސިފަކުރި ގޮތުގައި އިލެވަން ދުނިޔޭގައި ހުރިކަމަށް ބުނެ މައިކް ދައްކާ ވާހަކަތަކަކީ އޭނާގެ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދުމަށް ގަބޫލުކުރާ ކަންތައްތަކެވެ. އެއީ ހިތާމަތަކުން އަރައިގަތުމަށް ބޭނުންކުރާ "ކޯޕިން މެކޭނިޒަމް" އެއް ގޮތަށް އޭނާ ސިފަކުރިއެވެ. "
މި ސީރީޒް އުފެއްދި ޑަފާ ބްރަދާސް، ސީރީޒްގެ ނިމުން ގެނެސްދީފައިވަނީ ބެލުންތެރިން އަމިއްލައަށް ގޮތެއް ނިންމަން ފުރުސަތު ދީ، ސީދާ ޖަވާބެއް ނުލިބޭ ގޮތަށެވެ. ނަމަވެސް ސޭޑީގެ މި ހިޔާލާ އެކު، ގިނަ ފޭނުންނަށް މިވަނީ މިކަމާ މެދު އަލުން ވިސްނަން ޖެހިފައެވެ. މި ސީރީޒްގައި އިލެވަންގެ ރޯލު ކުޅެފައިވަނީ މިލީ ބޮބީ ބްރައުންއެވެ.