މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރަސްމާލެ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 2025 ގަ އެވެ.
ސައިޓް އޭ އިން 138 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 64 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. މިއީ މަޝްރޫއުގެ 47 ޕަސެންޓެވެ.
ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރުމަށް 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް މިވަގުތު ދުނިޔޭގައި ބިން ހިއްކުމުގައި ބޭނުން ކުރަމުންދާ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ ކްރިސްޓަބަލް ކޮލޯން އަންނަނީ ބޭނުން ކުރަމުންނެވެ.
ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15،000 ގޯއްޗަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ރަސްމާލެ ހިއްކުމަށްފަހު އެތަނުން ގޯތި ދޫކޮށް ފްލެޓް އިމާރާތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓާ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިގުތިސާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.